ވ. ރަކީދޫ ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަން، (އީސީ)ން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، މިއަދުން ފެށިގެން، ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އީސީން ބުނީ އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވުނު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 އަށް ކުރިމަތިލުމަށް ޖަނަވަރީ 17 އިން ފެބުރުވަރީ 1 އަށް ހުޅުވާލި މުއްދަތުގައި ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާ ކަމަށެވެ.
މީގެ އިތުރުން ޖޫން 20 ވީ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް މޭ 3 އިން 18 އަށް ހުޅުވާލުމުންވެސް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާ ކަން ފާހަގަކޮށް އިސީން ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 6-56 ވަނަ މާއްދާއާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ގަވާއިދުގެ 52 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބާއްވަންޖެހޭ ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމުގެ އިންތިހާބު، އޮގަސްޓު 22 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، އެދުވަހުގެ 8:00 ން 16:00 އަށް ކަމަށް ވީއިރު، ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށް އިސީން މައުލުމާތުދެއެވެ. އަދި އެ އިންތިހާބުގެ ރަސްމީ ނަތީޖާ އޮގަސްޓު 24 ވާ ހޯމަ ދުވަހު އިއުލާނުކުރުމަށް ހަމަޖަޖައްސާފައިވާ ކަމަށް އިސީން ބުނެއެވެ.