ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ޓީމު ވާދަކުރާ ބުރުން ފްރާންސް، ނޯވޭ އަދި މެކްސިކޯ ޖާގަ ހޯދައިފި އެވެ.

ފްރާންސް، ނޯވޭ އަދި މެކްސިކޯ ގަދަ 16 އަށް
ފްރާންސް، ނޯވޭ އަދި މެކްސިކޯ ގަދަ 16 އަށް

ފްރާންސުން ގަދަ 16 އަށް ދަތުރުކުރީ ރޭ ސްވިޑަންގެ މައްޗަށް 3-0 އިން ކުރިހޯދައިގެންނެވެ.

ފްރާންސް، ނޯވޭ އަދި މެކްސިކޯ ގަދަ 16 އަށް
ފްރާންސް، ނޯވޭ އަދި މެކްސިކޯ ގަދަ 16 އަށް

މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ފްރާންސްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ކީލިއަން އެމްބާޕޭ އެވެ.

ދެވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ފްރާންސަށް ލީޑު ފުޅާކޮށްދިނީ ބްރެޑްލީ ބާކޯލާ އެވެ. އޭގެފަހުން، މެޗުގެ 74 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި، ފްރާންސަށް ގަދަ 16 ގެ ޖާގަ ޔަގީންކޮށްދީފަ އެވެ.

މި މޮޅާއެކު ފްރާންސް ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ޖެހިޖެހިގެން ފަސް މެޗުގައި ތިން ލަނޑު ޖެހި ހަމައެކަނި ޓީމަށް ވެފަ އެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ރޭ ނޯވޭއިން ވަނީ 2-1 އިން މޮޅުވެ އައިވަރީ ކޯސްޓް ކަޓުވާލާފަ އެވެ.

މި މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ނޯވޭއިންނެވެ. އެގޮތުން މެޗުގެ 39 ‏ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ނުސާ އެވެ.

މެޗުގެ 74 ވަނަ މިނެޓުގައި އަމަދު ޑިއާލޯގެ ލަނޑުން އައިވަރީ ކޯސްޓުން އެއްވަރުކުރި ނަމަވެސް، 86 ވަނަ މިނެޓުގައި އާލިން ބްރައުޓް ހާލަންޑް ވަނީ ލަނޑެއް ޖަހައި ނޯވޭ މޮޅުކޮށްދީފަ އެވެ.

މިއަހަރުގެ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއިން ގަދަ 16 ގެ ޖާގަ ހޯދީ މިއަދު ހެނދުނު 2-0 އިން އެކުއެޑޯ ބަލިކޮށްގެންނެވެ.

މި މެޗުގެ ދެ ލަނޑު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން ހޫލިއަން ކިނިއޮނޭސް ލަނޑުން މެކްސިކޯއިން 22 ވަނަ މިނެޓުގައި ލީޑު ނެގި އިރު، 31 ވަނަ މިނެޓުގައި އެ ޓީމަށް ދެވަނަ ލަނޑު ޖަހައިދިނީ ރައުލް ހިމެނޭޒް އެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެކުއެޑޯގެ ޑިފެންޑަރު ޕިއެރޯ އިންކަޕިއޭ އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކާ މުހާތަބުކުރި ވަގުތު އަނގަ މަތީގައި އަތް އެޅުމުން، ފީފާގެ އާ ގަވައިދުގައިވާ ގޮތަށް އޭނާއަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ.

ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ފްރާންސް އާއި ޕެރަގުއާއީ ބައްދަލުކުރަން ޖެހޭއިރު، ނޯވޭ ނުކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ. މެކްސިކޯ ކުޅޭނީ އިންގްލެންޑާއި ކޮންގޯގެ މެޗުން މޮޅުވާ ޓީމަކާ އެވެ.

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ 21:00 ގައި އިންގްލެންޑާއި ކޮންގޯ ބައްދަލުކުރާ އިރު، 01:00 ގައި ސެނެގާލް އާއި ބެލްޖިއަމް ވާދަކުރާނެ އެވެ. އަދި މިރޭ ފަތިހު 05:00 ގައި ބޮސްނިއާ ނުކުންނާނީ، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއާ ދެކޮޅަށެވެ.