އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގެ ކުށް ސާބިތުވި، މޭރީގެ ފިރިމީހާ ފިލިޕީންސްގެ މާވިން އެސްވައި އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީ ދަންޖެހިގެން މަރުވީ ކަމަށްބުނެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ 19 އޮކްޓޫބަރު 2021 ގައެވެ.
ނަމަވެސް، ފުލުހުންގެ ތަހުގީގަށްފަހު، މޭރީ މަރާލީ މާވިން ކަމަށް ދައުލަތުން ތުހުމަތުކުރި އެވެ. އަދި މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ދައުލަތުން ކުރެއެވެ.
މާވިން މިހާތަނަށް ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 4 ދުވަސް އުނިކުރުމަށްފަހު، އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި 3 މަހާއި 5 ދުވަހުގެ ޖަލު ހުކުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޖަލުގައި ހުރި ދުވަސްތަކުގައި މާވިން ވަނީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައެވެ.
އަދަބު މަތިކުރި ސަބަބުތަކުގެ ތެރޭގައި ގާޒީ މުޒަންމިލް ފާހަގަކުރެއްވީ، މޭރީ މަރާލުމަށް ފަހު، އެ އަމަލު ފޮރުވުމަށް މަސައްކަތްކޮށްފައިވާތީ އާއި މޭރީ މަރާލުމުގެ އަމަލު ހިންގާފައިވަނީ އިންސާނެއްގެ ގަދަރާއި ކަރާމާތަށް އެއްވެސް އިހުތިރާމެއްނެތި ކަމަށްވާތީ ކަމަށެވެ.