ހުޅުމާލޭ ޑިވެލޮޕްމެންޓް ކޮންޓްރޯލް ކަނޑައެޅުމުގެ ގަވައިދާ ގުޅިގެން ކުރިއަށް ގެންދާ ސާވޭ މިއަދު ފަށައިފިއެވެ.
މިކަންހާމަކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގަވާއިދާ އެއްގޮތަށް ކަންކަން އިސްލާހު ކުރުމަށް ދިން މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.
އެހެންކަމުން، އެ ގަވައިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަންކަން އިސްލާހުކޮށްފައިވޭތޯ ބެލުމަށް ކުރެވޭ ސާވޭ މިއަދުން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ވަނީ މި ސާވޭ ކުރިއަށްދާ އިރު، ހުޅުމާލޭގައި އިމާރަތްކޮށްފައިވާ ގޯތިތަކާއި އެތަންތަނުގައި ވިޔަފާރީގެ ހަރަކާތްތައް ހިންގާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް އެދިފައެވެ.
މީގެ އިތުރުން ހުޅުމާލެ ތަރައްގީ ކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ އެފަދަ މަސައްކަތަކަށް އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުންދޭ އެއްބާރުލުން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.