ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

މި މައްސަލައިގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ އާ ހެކި ބަލައިނުގަނެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ މައްސަލައިގައި ޔާމީންގެ މައްޗަށް ސާބިތުވި ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގާފަ އެވެ.

ހައިކޯޓުން އޭރު ނިންމީ މައްސަލަ އަލުން ބަލާއިރު ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށެވެ. އެހެންވެ ދައުލަތުން ވަނީ ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ، ދައުލަތުން މައްސަލަތަކުގައި ހަދާ އިޖުރާއީ ގޯސްތަކަށް ކޯޓުތަކުން ފަރުވާ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ ޝަރީއަތް ހިންގުމުގެ ހަމަހަމަކަމާ ވެސް ދުރު ކަމެއް ކަމަށެވެ. އަދި އާ ހެކިތަކާ ގުޅޭ ގޮތުން ހައި ކޯޓުގައި ފާހަގަ ނުކުރާ ނުކުތާތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ނުކުތާތަކާ މެދު ގޮތް ކަނޑައަޅަން ޖެހޭ ފަދަ އިސްތިސްނާ ހާލަތެއް އޮތް ކަމަކަށް ވެސް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓުން އާ ހެކިތައް ބަލައިގެންފައިވަނީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައެޅި ހުކުމަށް ތާއިދުކުރަން ނިންމާފަ އެވެ. ފަނޑިޔާރު އައިޝާ ސުޖޫންގެ މި ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި، ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ ތާއިދު ކުރައްވާފަ އެވެ.

މި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާއިރު، އެ ކޯޓުން ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އޮތް މި މައްސަލައިގެ ޝަރީއަތް އޮތީ މަޑުޖައްސާލާފަ އެވެ.