ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބޭސްފިހާރަތައް "ސްޓޭޓްފާމާ" އަށް ރަސްމީކޮށް ބަދަލުކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ.
ސްޓޭޓްފާމާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯއިން ހިންގަމުން އައި ފާމަސީތައް މިއަދުން ފެށިގެން ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށް ރަސްމީކޮށް ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ މުޅި ރާއްޖޭގައި ބޭހުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، މި ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމުގައި ސާބިތުކަމާއެކު ދެމިތިބުން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި މިފަދަ ގައުމީ ޒިންމާއަކާ ހަވާލުވުމަކީ ކުންފުންޏަށް ލިބޭ ބޮޑު ޝަރަފެއް ކަމަށްވެސް ސްޓޭޓްފާމާއިން ވަނީ ބުނެފައެވެ.
މީގެއިތުރިން، މި ބަދަލުތައް ތަންފީޒުކުރަމުންދާ މަރުހަލާގައި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެ ސްޓޭޓްފާމާއިން ވަނީ މައާފަށް އެދިފައެވެ. އަދި މި ބަދަލު ގެނައުމުގައި ރައްޔިތުންނާއި، ސިއްހީ ދާއިރާގެ ފަރާތްތަކުގެ އިތުރުން ކުންފުނީގެ މުވައްޒަފުން ދެއްވި އެއްބާރުލުމަށް އެ ކުންފުނިން ޝުކުރު އަދާކޮށްފައި ވެއެވެ.
ސްޓޭޓްފާމާއިން ވަނީ އެ ކުންފުނީގެ ހޮޓްލައިން 1505 މެދުވެރިކޮށް 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
އެ ކުންފުނީގެ އެންމެ އިސް އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް ސްޓޭޓްފާމާއިން ވަނީ ބުނެފައެވެ.
ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި މި ކުންފުނި އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. މިއީ ސަރުކާރުގެ ސައްތަ އިންސައްތަ ޙިއްޞާ އޮންނަ ކުންފުންޏެކެވެ.