ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަންކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރު އަދި މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް ފިރުޒުލް މިއަދު އައްޔަންކުރައްވާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ހާމަކޮށްފައެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމަށް ފިރުޒުލް އައްޔަން ކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އައްޔަންކުރެއްވުމާއި ގުޅިގެން އެ މަޤާމު ހުސްވުމުންނެވެ.

ފިރުޒުލް މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕްރެޒިޑެންޝިއަލް އެފެއަރސްގެ މަޤާމުގައެވެ. އޭނާ ވަނީ އެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ފިރުޒުލް ވަނީ މިސްރުގެ އަޒްހަރު ޔުނިވަރސިޓީން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައެވެ.