އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރި މަސައްކަތުން 2 ބިލިއަން ރުފިޔާ ހޯދައިފިއެވެ.
މީރާއިން މިކަން ހާމަކޮށްފައި ވަނީ އެ އޮތޯރިޓީން އާއްމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައެވެ.
މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުއާޓަރުގައި 2 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، މި ފައިސާތައް ހޯދާފައިވާގޮތުގެ މައުލޫމާތުވެސް އެ ރިޕޯޓުގައި ހިމަނާފައިވެއެވެ.
އެގޮތުން ޑަނިންގ ނުވަތަ އެކި ގޮތްގޮތުން މުއާމަލާތްކޮށްގެން 1.2 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، ޑިއުސް ކްލިއަރަންސްގެ ގޮތުގައި 617 މިލިއަން ރުފިޔާ އަދި ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ޕޮލިސީގެ ދަށުން 13.5 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.
މީގެ އިތުރުން ހަނދާންކޮށްދިނުމަށް ގުޅައިގެންނާއި މެއިލްކޮށްގެން 151 މިލިއަން ރުފިޔާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްގެން 13.1 މިލިއަން ރުފިޔާ ހޯދާފައިވާކަމަށްވެސް މީރާއިން ހާމަކުރެއެވެ.
މީރާއިން ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކްސް ބަޔާން ހުށަނާޅާ 10،701 ފަރާތަކަށާއި، ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 5776 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ހަވާލުކޮށްފައެވެ.
މީގެ އިތުރުން ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް ލުއި ގޮތްތައް ހަމަޖައްސައިދިނުމުގެ ގޮތުން، ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 176 ފަރާތަކަށް ވަނީ ހަމަޖައްސައިދީފައެވެ.