ރާއްޖޭގެ 18 އަތޮޅެއްގައި ހުރި އާސާރީ ތަންތަން ދިރާސާކޮށް، އެ ތަންތަނުގެ މައުލޫމާތު ކިތާބުކުރުން ނުވަތަ ޑޮކިއުމެންޓް ކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރ އޮފް އާޓްސ،ް ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު ވަނީ، ރާއްޖޭގައި ހުރި އާސާރީ ތަންތަން ޑޮކިޔުމެންކޮށް އާންމުންނަށް މައުލޫމާތު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހީނާ ވިދާޅުވީ، ރާއްޖޭގައި ވަރަށް ގިނަ އާސާރީ ތަންތަން އެބަހުރި ކަމަށާއި، އެގޮތުން ގާތްގަޑަކަށް 400 އެއްހާ އަސާރީ ތަންތަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ލިސްޓްކުރެވިފައިވާ ކަމަށެވެ.
މިތަންތަން ބެލެހެއްޓުމަށް ތަނުގެ ހާލަތު ކިތާބު ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒާއި ކިޔޯޓޯ ޔުނިވާސިޓީ ގުޅިގެން "މެރިޓައިމް ސާވޭ"ގެ ނަމުގައި ރާއްޖޭގެ އާސާރީ ތަންތަން ކިތާބު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހީނާ ވިދާޅުވީ އާސާރީ ތަންތަން ކިތާބު ކުރާ ޓީމުން އއ އަތޮޅާއި އދ އަތޮޅުގެ އާސާރީތަންތަން ކިތާބު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ޖުލައި މަހުގެ ނިޔަލަށް މި ޕްރޮޖެކް ނިމޭނެ ކަމަށް މިނިސްޓަރު މައުލޫމާތުދެއްވިއެވެ.
މި މަސައްކަތުގެ ތެރެއިން މާލެގެ ސައިޓްތައް ކިތާބު ކުރުމުގެ މަސައްކަތް ވެސް ފެށިގެން ދާނެ ކަމަށާއި، އެއާ އެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި އާސާރީ ތަންތަން ކިތާބުކޮށް ނުވަތަ ޑޮކިޔުމެންޓް ކުރުމުގެ މަސައްކަތް ނިމުނީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.