ޗައިނާ ސަރުކާރާ ގުޅިގެން ރާއްޖޭގެ ގައުމީ ދާރުލްއާސާރު ބެލެހެއްޓުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް އާޓްސ،ް ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާ ވާހަކަދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު ހީނާ ވިދާޅުވީ ގައުމީ ދާރުލްއާސާރުގެ އިމާރާތަކީ ޗައިނާ ސަރުކާރުން ފަސް މިލިއަން ޑޮލަރު ހޭދަކޮށްގެން އަޅައިދިން ތަނެއް ކަމަށެވެ.

ގައުމީ ދާރުލްއާސާރުގައި މިވަގުތު 700 އެއްހާ އާސާރު ޑިސްޕްލޭކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި 1،500 އަހަރަށް ވުރެ ގިނަ ދުވަސްވީ އާސާރުވެސް އެބަ ހުރި ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ އާސާރުތަކުގެ ދަރަޖަކުރާ މިންގަނޑުތަކާއި މިންކޮށް ރައްކާތެރިކޮށް ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށެެވެ. އެހެންކަމުން އެތަން ތަަރައްގީކޮށް ބެލެހެއްޓުމަށް ޗައިނާއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"ގައުމީ ދާރުލްއާސާރު މިހާރު ހުރި ވަރަށް ވުރެ އިތުރަށް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ޗައިނާ ސަރުކާރާ ގުޅިގެން އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއް ކުރަމުން. އެކަމަށް ބޭނުންވާ ފަންޑިންއާ އެއްޗެހި ހަމަޖެހި އެކަން ވަރަށް އަވަހަށް ފެށިގެންދާނެ."

ހެރިޓޭޖް މިނިސްޓަރު ހީނާ

ރާއްޖޭގައި ފުރަތަމަ ގައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ނޮވެންބަރު 19ގައި އޭރުގެ ވަޒީރުލްއައުޒަމް މުހައްމަދު އަމީނެވެ.

ރާއްޖޭގެ ގައުމީދާރުލް އާސާރަކީ ރާއްޖޭގެ ތާރީހާއި ތަރިކަ އާއި ސަގާފަތާ ބެހޭ މުހިންމު މައުލޫމާތުތަކެއް ރައްކާކޮށްފައިވާ ބިނާއެކެވެ. އެގޮތުން ރަސްރަސްކަލުންގެ ރަސްކަމުގެ ދައުރުތަކުން ފެށިގެން އެކި ދުވަސްވަރު ރާއްޖެއަށް އައި ބަދަލުތަކުގެ މައުލޫމާތާއި އާސާރުތައް އެތަނުން ފެންނަން ހުރެއެވެ.