ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް، މިނިސްޓަރ އޮފް އާޓްސ،ް ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ވަނީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް އާޓްސ،ް ކަލްޗަރ އެންޑް ހެރިޓޭޖުން ހިންގި ހަރަކާތްތަކަށް ކޮށްފައިވާ ހަރަދުތަކާއި، މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި މިނިވަން ދުވަހުގެ ހަރަކާތްތައް ހިންގި ގޮތުގެ ތަފްސީލަށް އެދިވަޑައިގެންފަ އެވެ.

އޭގެ ޖަވާބުގައި މިނިސްޓަރު ހީނާ ވިދާޅުވީ، މިނިސްޓްރީން 60 ވަނަ މިނިވަން ދުވަސް ފާހަގަކޮށްފައިވަނީ މާލެ ސަރަހައްދުގައި އެކަނި ކަމަށެެވެ. އަދި އެ ހަރަކާތްތަކަށް ޖުމްލަ 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެ ދުވަހުގެ ވަކިވަކި ހަރަކާތްތަކަށް ކުރި ހަރަދުތަކުގެ ތަފްސީލެއް ނުދެއްވައެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މި ވުޒާރާއިން ހިންގެވި ހަރަކާތްތަކަށް ޖުމްލަ ހަރަދުވެފައިވަނީ 4.1 މިލިއަން ރުފިޔާ. ދެން މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން، މާލެ ފިޔަވައި އަތޮޅުތެރޭގެ އެއްވެސް ތަނެއްގައި މި ހަރަކާތްތައް ހިންގާފައެއް ނުވޭ، އެހެންވީމަ އަތޮޅު ތެރޭގައި މި ހަރަކާތްތައް ހިންގުމަކަށް އެއްވެސް ފައިސާއެއް ހަރަދުކުރެވިފައި ނުވާ ވާހަކަ ދަންނަވަން."

މިނިސްޓަރ އޮފް އާޓްސ،ް ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނީ މިދިޔަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު އެވެ. އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި، މާލެ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ވަނީ ބާއްވާފަ އެވެ. އެގޮތުން އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި، ރާއްޖޭގެ ގައުމީ ކެޑޭޓުކޯގެ ޕެރޭޑް، އަދި ސްކޫލުތަކުގެ ކުޅިވަރުތަކާއި ސަގާފީ ކުޅިވަރުތަކުގެ އިތުރުން ފުޅަނދުބުރު ފާހަގަކޮށްލެވެ އެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ. އެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށް މޯދީ ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ދައުވަތަކަށެވެ.