މި އަހަރުގެ ސެޕްޓެމްބަރު މަހު ފިލްމް ފެއަރ އެވޯޑް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު މަހު ފިލްމު އެވޯޑް ބޭއްވުމަށް ތައްޔާރުވަނީ
ސެޕްޓެމްބަރު މަހު ފިލްމު އެވޯޑް ބޭއްވުމަށް ތައްޔާރުވަނީ

މިނިސްޓަރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ހީނާ ވިދާޅުވީ ފިލްމީ ދާއިރާއަކީ ރާއްޖޭގައި ވަރަށް ޒަމާންވީ އަދި ތާރީހީ ދާއިރާއެއް ކަމަށެވެ. އެގޮތުން މި ދާއިރާ ނަގާ ކޮޅަށް ޖެއްސެވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ފުންނާބު އުސް އަދި ތަޖުރިބާކާރު ގިނަ ފަންނާނުން އެބަ ތިއްބެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ހީނާ ވަލީދު - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެންމެ ފަހުން ރާއްޖޭގައި ފިލްމް އެވޯޑެއް ބޭއްވުނީ 2019 ވަނަ އަހަރުގައި ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މެދުކެނޑިފައިވާ މި އެވޯޑް އަލުން އިއާދަކުރުމަށްޓަކައި، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި، ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) ގުޅިގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެވޯޑަށް ހުޅުވާލުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިލްމު ފެއަރ އެވޯޑް ބޭއްވުން ކަމަށް މިނިސްޓަރު ހީނާ ވަނީ ވިދާޅުވެފައެވެ.

މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ސިނަމާ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.