އަވަހާރަކޮށްލާފައިވާ އިރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ ފަހު ވަދާއާއި ޖަނާޒާގެ ކަންކަން ކަވަރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ނޫސްވެރިންނެއް އީރާނުގެ ވެރިރަށް ތެހެރާނަށް އަންނާނެ ކަމަށް ތެހެރާން ޕްރޮވިންސްގެ ގަވަރުނަރު މުޙައްމަދު ސާދިގު މުޢްތަމަދިއާން ވިދާޅުވެއްޖެއެވެ.
ތެހެރާންގެ ގަވަރުނަރުގެ އޮފީހުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި މުޢްތަމަދިއާން ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 500 އަށް ވުރެ ގިނަ ނޫސްވެރިން މި ރަސްމިއްޔާތުތަކުގައި ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މީޑިއާތަކުން ތެހެރާނުގައި ހިނގާ މި ހަރަކާތްތައް ވަރަށް ފުޅާކޮށް ކަވަރުކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ބޮޑު މީޑިއާ ކަވަރޭޖެއްގެ ސަބަބުން، މި ރަސްމިއްޔާތުތަކުގައި އީރާނުގެ ރައްޔިތުން ދައްކުވައިދޭ ވަރުގަދަ އެއްބައިވަންތަކަން ހާމަވާނެ ކަމަށެވެ. މީގެ އިތުރުން އިސްލާމީ އިންގިލާބަށާއި އެ އިންގިލާބުގެ ލީޑަރޝިޕަށް އޮތް ވަފާތެރިކަން މުޅި ދުނިޔެއަށް ހާމަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
އީރާނުގެ ކުރީގެ ރޫހީ ލީޑަރު އަލީ ޚާމަނާއީގެ ހަނދާނުގައި ބާއްވާ އެ ރަސްމިއްޔާތުތައް ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
ޚާމަނާއީގެ ޖަނާޒާ އިރާނުގެ ވެރިރަށް ތެހެރާންގައި ޖުލައި 4 ގައި ފަށާނެކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކުރެއެވެ. އަދި މަޝްހަދުގައި ޖުލައި 9 ގައި ފަސްދާނަލާނެކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ.
ޚާމަނާއީގެ ޖަނާޒާ ބޭއްވުމަށް އެންމެ ފުރަތަމަ ޝެޑިޔުލްކުރީ މާޗު މަހުއެވެ. ނަމަވެސް އިރާނާއި، އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޖަނާޒާގެ ކަންކަން ވަނީ ފަސްކޮށްފައެވެ.
ޖުލައި މަހު ޚާމަނާއީގެ ޖަނާޒާ ބާއްވާނެކަން އިރާނުގެ މީޑިޔާއިން ހާމަކޮށްފައިވާއިރު ޖަނާޒާގެ ރަސްމިއްޔާތު ޖުލައި 4 ގައި ތެހެރާނުން ފަށާއިރު ތިން ދުވަހުގެ މުއްދަތަށް ޖަނާޒާގެ ހަރަކާތްތައް ކުރިޔަށްދާނެއެވެ. މީގެއިތުރުން ގޫމްގައި ޖަނާޒާގެ ކަންކަން ކުރިޔަށްދާނީ ޖުލައި 7 ވަނަ ދުވަހުއެވެ.
އުމުރުފުޅުން 86 އަހަރުގައި ޚާމަނާއީ އަވަހާރަވީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގައެވެ. އެދުވަހުގެ ހަމަލާތައް ޚާމަނާއީ ދިރިއުޅުއްވަމުންގެންދެވި ގެކޮޅަށް އަމާޒުކޮށް ދީފައިވަނީ ޚާމަނާއީ އަވަހާރަކޮށްލާ އެމެރިކާ އާއި އިސްރާއީލުން ބޭނުންވާ ބަޔަކު އިރާނުގެ ސަރުކާރަށް ގެނައުމަށެވެ.