ގްރޭޓާ މާލޭ ސަރަހައްދުގައި ގާއިމު ކުރެވިފައިވާ މާލޭ ޓެކްސީލައިންގެ އެޕްލިކޭޝަނަށް ބޮޑުތަރުހީބެއް ލިބިފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މި ފަދައިން ވިދާލުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްސީ ލައިންގެ ހިދުމަތަށް ކިހާ ބޮޑު ކުރިއެރުމެއް މިހާތަނަށް ލިބިފައިވޭތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ޖޫން މަހުގެ 2 ވަނަ ދުވަހު ޓެކްސީލައިންގެ އެޕްލިކޭޝަން ބޭނުން ކުރަން ފެށުމާ އެކު ބޮޑު ކުރިއެރުމެއް އެ ހިދުމަތަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން މި ހިދުމަތުގެ އަދާހަމަ ތަފާސްހިސާބުތަށް ހިއްސާ ކުރައްވަމުން ވަޒީރު ވިދާޅުވީ، ކޯލް ސެންޓަރުގެ ހިދުމަތުގެ ރޭޓަށް ބަލާއިރު ބާރުބޮޑު ގަޑިތަކުގައި 5 ނުވަތަ 6 މިނިޓުތެރޭގައި ކަސްޓަމަރުންނަށް އިޖާބަދީފައިވާ ކަމަށާއި، ބާރުބޮޑު ނޫން ގަޑިތަކުގައި ކަސްޓަމަރުންގެ ކޯލްތަކަށް 3-4 މިނިޓު ތެރޭގައި އިޖާބާދެމުންދާ ކަމަށެވެ.

ވިލިމާލޭގައި މީގެ ދޮޅު ހަފްތާއެއްހާ ދުވަސްކުރިން ފަށާފައިވާ ޓެކްސީލައިންގެ ހިދުމަތް އަލިއަޅުވާލަމުން ވަޒީރު ވިދާޅުވީ، ވިލިމާލޭގައި މިހާތަނަށް 528 މީހުން ޓެކްސީލައިންގެ ހިދުމަތް ހޯދާފައިވާ ކަމަށެވެ. މީގެއިތުރުން، 22 ޖޫން އިން 28 ޖޫންއާއި ދެމެދު، މާލޭ ޓެކްސީލައިންގެ ހިދުމަތް 6،912 މީހުން ހޯދާފައިވާކަމަށާއި، އޭގެތެރެއިން 3،569 ދަތުރަކީ މާލެތެރޭގައި ކޮށްފައިވާ ދަތުރުތައް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި މުއްދަތުގައި، ވެބް ބުކިން މެދުވެރިކޮށް 6،112 މީހުން އަދި ކޯލް ސެންޓަރ މެދުވެރިކޮށް 800 މީހުން ހިދުމަތް ހޯދާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

" ބެންޗްމާކް ކުރާ ގިނަ ކަންތައްތަކެއްގެ ތެރެއިން ކަސްޓަމާ ސާރވިސް ދިނުމައްޓަކައި އެމްޑީސީސީން ބައްލަވާ ބައެއް ކަންތައްތަކެއް ހުރޭ. އަވަހަށް ކޯލަށް އެޓެންޑުވުން، އަވަހަށް ހިދުމަތަށް އެޓެންޑުވުން، އަދި ދޭ ހިދުމަތަކީ މި ޒަމާނާ ގުޅޭ ކޮލެޓީ ހިދުމަތެއް ދިނުން."

އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު ސައީދު

ވަޒީރު ވިދާޅުވީ މި ކަންކަމުގެ ތަމްރީނު ޕްރޮގްރާމްތަކެއް ޑްރައިވަރުންނަށް ކުރިއަށް ގެންދަމުންދާ ކަމަށެވެ.

މިހިދުމަތާ ގުޅިގެން ވަޒީރު އިތުރަށް ވިދާޅުވީ، ޖުމްލަކޮށް މާލޭގެ ޓްރާންސްޕޯޓް މައްސަލަ އަށް ހައްލު ހޯދައި ދިނުމަށް އެ ވުޒާރާއިން ގިނަ މަސަކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ޕާކިން އާއި މަގުތަކުގެ މައްސަލަ ހިމެނޭހެން ދަތުރުފަތުރުގެ ދާއިރާއަށް ހައްލެއް ހޯދާދިނުމަށް، އިދާރާތަކުން ގުޅިގެން ޕްލޭނެއް އެކުލަވާލަމުން ދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.