2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖުމްލަ އަދަދު 73،066 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި 8 މީހަކު
ޝަހީދުވެ، 26 މީހަކު ވަނީ ޒަހަމްވެފައެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހުވެސް އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 1،053 މީހަކު ޝަހީދުވެ، 3،406 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ހަމަ އެ މުއްދަތުގެ ތެރޭގައި އިމާރާތްތަކުގެ ދަށުން 786 މީހެއްގެ ހަށިގަނޑު ވަނީ ނަގާފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޖުމްލަ 173،514 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
ޣައްޒާގެ މިއަދުގެ ހާލަތަކީ ދުނިޔޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އިންސާނީ ކާރިސާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އުމްރާނީ ބިނާތަކުގެ 90 އިންސައްތައަށްވުރެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފައެވެ.
ސިއްހީ ނިޒާމު މުޅިންހެން ފުނޑިފައިވާއިރު، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ނުލިބުމާއި، ކާބޯތަކެއްޗާއި ސާފު ފެން ނުލިބުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން އިންތިހާއަށް ދަތި ހާލެއްގައި ދިރިއުޅެމުންދާކަން ބައިނަލްއަގްވާމީ އިދާރާތަކުން ފާހަގަކުރެއެވެ.
މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގެދޮރު ގެއްލި، ރެފިއުޖީ ކޭމްޕުތަކުގައި ނިކަމެތި ހާލުގައި ދިރިއުޅެން މަޖުބޫރުވެފައެވެ. ބައިނަލްއަގްވާމީ މުޖުތަމައުން ގިނަ ގޮވާލުންތަކެއް ގޮވާލި ނަމަވެސް، އިސްރާއީލުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
މި ހަނގުރާމައަކީ މުޅި މެދުއިރުމަތީގެ ސުލްހައާއި ހަމަޖެހުމަށް ބޮޑު ބިރުވެރިކަމެއް ކަމަށް ތަޖުރިބާކާރުން ސިފަކުރެއެވެ.