ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށް މޮރޮކޯއިން މުބާރާތުގެ ގަދަ 16 ގެ ޖާގަ ހޯދައިފި އެވެ.
ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ނޮކްއައުޓް ބުރުގައި މިއަދު މޮރޮކޯއިން ނެދަލެންޑްސް ކަޓުވާލީ، 1-1 އިން ދެ ޓީމު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
މިއަދު ހެނދުނު ކުޅުނު މި މެޗުގައި ފުރަތަމަ ހާފުގައި ގިނަ ފުރުސަތުތައް ތަނަަވަސްކުރީ މޮރޮކޯއިންނެވެ. ނަމަވެސް އެއްވެސް ޓީމަކަށް އިދިކޮޅު ގޯލަށް މާ ނުރައްކާތެރި ބޯޅައެއް ފޮނުވާނުލެވުނު މި ހާފު ނިމުނީ ލަނޑެއް ނުޖެހި އެވެ.
ދެވަނަ ހާފުގައި ވެސް މޮރޮކޯއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކްތައް ކުރަމުން ދަނިކޮށް، ނެދަލެންޑްސްއިން ވަނީ 72 ވަނަ މިނެޓުގައި ލަނޑެއް ޖަހާފަ އެވެ. އެ ޓީމުން އުފެއްދި ކައުންޓާ އެޓޭއްކެއްގައި ކްރީސެންސިއޯ ސަމަވިލް ދިން ބޯޅައަކުން މި ލަނޑު ޖަހައިދިނީ ކޯޑީ ގަކްޕޯ އެވެ.
މި ލަނޑާއެކު ނެދަލެންޑްސް މޮޅުވާން ދަނިކޮށް، އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯއަށް އެއްވަރުކޮށްދިނީ އީސާ ދިއޮޕް އެވެ. މިއީ ޗެމްސްދިން ޓަލްބީ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނު އިރު އެއްވަރުވެފައި އޮތުމުން ކުޅުން އިތުރު ވަގުތުގެ ދެ ހާފުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ނެދަލެންޑްސްގެ ޖަސްޓިން ކްލައިވަޓް އާއި ކުއިންޓަން ޓިމްބާގެ އިތުރުން ސަމަވިލް ފޮނުވާލި ޕެނަލްޓީތައް ވަނީ ނާކާމިޔާބު ވެފަ އެވެ. އެ ޓީމުން ކާމިޔާބުކުރީ ޓިއެމް ކޫޕްމައިނާސް އާއި ވައުޓް ވެގޯސްޓް ޖެހި ޕެނަލްޓީ އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި މޮރޮކޯގެ ތިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޓަލްބީ، ސޮފިއާން ރަހީމީ އަދި އިސްމާއިލް ސައިބާރީ އެވެ. އެ ޓީމަށް ކާމިޔާބު ނުވީ އެލް އައިނޫއީ އާއި ކެޕްޓަން އަޝްރަފް ހަކީމީ ޖެހި ޕެނަލްޓީ އެވެ.
ނެދަލެންޑްސްއިން އެންމެ ފަހުން ކުޅުނު ދެ ވޯލްޑް ކަޕުން ވެސް ކަޓާފައި ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ބަލިވެގެންކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން 2014 ވަނަ އަހަރުގެ ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާއިން ނެދަލެންޑްސް ބަލިކުރި އިރު، 2022 ވަނަ އަހަރުގެ ކުއާޓާ ފައިނަލުން ކެޓީ ވެސް ޕެނަލްޓީގައި އާޖެންޓީނާ އަތުން ބަލިވެގެންނެވެ.
މޮރޮކޯއިން ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ނުކުންނާނީ ކެނަޑާއާ ދެކޮޅަށެވެ.