އެކުވެރި އަރަބި އިމާރާތް، ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި އައު ސަފީރު، ޠާރިޤް އިބްރާހީމް ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ފޮރިން މިނިސްޓަރ އުމަރު އުބައިދު އަލްޝަމްސީއަށް އަރުވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އަލްޝަމްސީވަނީ އައު ސަފީރަށް މަރުހަބާ ވިދާޅުވެ، ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، އެކި ދާއިރާތަކުން ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޔޫއޭއީއިން އަބަދުވެސް ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ.
ސަފީރު ތާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި އެގައުމުން ހޯދާފައިވާ ކުރިއެރުންތަކަށް ތައުރީފުކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ސިނާއަތްތަކުން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ޔޫއޭއީއަކީ ވަރަށް ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ ދެ ގައުމެވެ. މި ގުޅުން ދަނީ ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި، ފަތުރުވެރިކަމުގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބަދަހިވަމުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާ އައު ސަފީރަކަށް ތާރިޤް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ތާރިޤް ސަފީރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މި މަހު 22 ގައެވެ.
ތާރިޤް ވަނީ މި ސަރުކާރުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރުގެ މަގާމުވެސް ފުރުއްވާފައެވެ.
ޔޫއޭއީގެ ސަފީރުގެ މަގާމު ހުސްވީ އެމަޤާމުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފް މިދިޔަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ސަފީރުކަމުން ވަކިކުރުމާއި ގުޅިގެންނެވެ.