ކަސްޓަމަރުންނަށް ފައިދާ ލިބޭ ގޮތަށް ޑޮލަރު އިންވެސްޓު ކުރުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފިއެވެ.
"އިންވެސްޓްމަންޓްސް"ގެ ނަމުގައި އެ ޚިދުމަތް ތަޢާރަފުކޮށް، އާންމުންނަށް އެ ބޭންކުގައި ޑޮލަރު އިންވެސްޓްކުރެވޭނެ ގޮތް ހަދާފައި ވަނީ"ޗެޓް ވިތު ސީއީއޯ"ގެ ނަމުގައި ބީއެމްއެލްއިން މިއަދު ހޮޓެލް ޖެންގައި ބޭއްވި ޙަފްލާގެ ތެރެއިންނެވެ.
އެ ބޭންކުން ވަނީ ފައިދާ ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެ ވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބޭންކްގެ މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިންގެ ތެރެއިން ތައާފުކޮށްފައެވެ.
މިއަދު ބޭއްވި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެ ކަމަށެވެ. އެގޮތުން އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، 25 އިންސައްތައާ ހަމަޔަށް ފައިދާ ލިބޭނެ ފުރުސަތު ފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ވޭތުވެދިޔަ 36 މަސް ދުވަހުގެ ތެރޭގައި ބޭންކުން ވަނީ ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރު އާންމު ފަރުދުންގެ ބޭނުން ތަކަށާއި ކާޑުގެ މުއަމަލާތްތަކަށް ވިއްކާފައި ކަމަށެވެ. މީގެ ތެރެއިން ގާތްގަޑަކަށް 60 އިންސައްތަ ވިއްކާފައިވަނީ ކާޑުގެ މުއަމަލާތްތަކަށް ކަމަށާއި، މި އަދަދު މަހުން މަހަށް އިތުރުވަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްއިން އިންވެސްޓްމަންޓްސްގެ ނަމުގައި ތައާރަފްކުރި ހިދުމަތަކީ ޑޮލަރުން އިންވެސްޓް ކުރާ ފަރާތްތަކަށާއި، ކާޑުގެ ހިދުމަތް ބޭނުން ފަރާތްތަކުގެ އިތުރުން ބޭންކަށް ވެސް ފައިދާ ހުރި މުހިންމު ނިޒާމެއް ކަމުގައި އެ ބޭންކުން ފާހަގަކުރެއެވެ.