ދެ އަހަރާ ބައިގެ ތެރޭގައި 324 ކިލޯގެ ޑްރަގް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

2021 އިން ފެށިގެން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ތަފާސް ހިސާބުތައް ކަސްޓަމްސް އިން އާންމުކޮށްފައިވާ އިރު، އެ ހިސާބުތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް 116 މައްސަލައެއްގައި، 247 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.

މިގެ އިތުރުން، 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖޫންގެ ނިޔަލަށް 147 މައްސަލައެއްގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ އިރު، އެ މުއްދަތުގައި މަސްތުވާތަކެތީގެ މައްސަލައިގެ އަދަދު 27 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 31 އިންސައްތަ އިތުރު ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ހަމަމިއާއެކު، 2019 އިން 2023 އަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗާ އަޅާބަލާއިރު، މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގަައި އަތުލެވުނު މަސްތުވާތަކެތީގެ މިންވަރު އިތުރުކަން ތަފާސްހިސާބުތަކުން ފާހަގަކުރެވެ އެވެ.

ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި، އެއްފަހަރާ އެތައް ސަތޭކަ ކިލޯއެއް ހިމެނޭހެން މީގެ އަހަރުތަކެއް ކުރިން ގިނަ އަދަދަކަށް އަތުލައިގެންފައިވެ އެވެ. ނަމަވެސް މި ފަހުން ވަނީ ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެން، އެ މައްސަލަތަކުގައި އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. މިފަދަ މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.