މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދިނުމުގައި ބައިވެރިވި ކަމަށް ސާބިތުވެ އެ މައްސަލައިގައި ހިމެނޭ 4 މީހުން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މީހުން ޖަލަށް ލާން ހުކުމް ކުރީ ޖޫން 23، 2024 ގައި މއ. ބަގުފަޑިއްގެ ގޭގެ ހަތްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައި ނ. ހޮޅުދޫ، މިންވަރު، އަބްދުﷲ ރަޖީހުގެ ވައަތު ކުޑަވައި އިނގިލި ބުރިކޮށްލާފައިވާ ކަމަށް ކުށް ސާބިތުވުމުންނެވެ.
އެޕާޓްމެންޓެއްގެ ތެރޭގައި އަބްދުﷲ ރަޖީހު ރަހީނުކޮށް، އޭނާ ގޮނޑިއެއްގައި ބަނދެފައި ބައިންދައިގެން އަނިޔާކޮށް އޭނާގެ ވައަތު ކުޑަވައި އިނގިލި ޕައިޕް ކަޓަރަކުން ބުރިކޮށް އެ އިނގިލީގައި ހޫނުކޮށްފައި އޮތް ވަޅިއެއް ޖައްސައި ޓޯޗާކުރި އެވެ.
މި މައްސަލަ ފުލުހުންނާ ހަމައަށް ދިޔައީ ރަޖީހު އެ ގެއިން ފިލައިގެން ގޮސް އޭނާގެ މަންމައާ އެކު ހުޅުމާލެ ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދި ހިސާބުންނެވެ.
މި މައްސަލައިގައި ސިފައިންގެ ދެ މީހުންނާ އެކު ފަސް މީހަކަށް ދައުވާކުރި އެވެ. އެއީ އަލީ ސާމީ/ މިހުރާ، ރ. ކަނދޮޅުދޫ އާއި އަހްމަދު ސާއިފް ވަހީދު/ ހުދުވެލި، ގދ. ގައްދޫ އާއި މުހައްމަދު ނައުޝާން ހުސައިން/ އުތުރުގެއާގެ، ތ. ތިމަރަފުށި އާއި މުހައްމަދު ނަފާހު/ ފުލްމޫން، ކ. މާފުށި އަދި އަހްމަދު ޒަޔާން/ ލިންކު، ތުނޑި، ލ. ގަން އެވެ. އެގޮތުން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ މި ފަސް މީހުންގެ ތެރެއިން ނަފާހު ފިޔަވައި ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
ރަޖީހުގެ އިނގިލި ބުރިކޮށްލިކަން ސާބިތުވި ސާއިފްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އޭނާ ތަންފީޒުކުރަން ޖެހެނީ 12 އަހަރާއި 11 މަހާއި 24 ދުވަހެވެ. އަދި ނައުޝާން އާއި ސާމީގެ މައްޗަށް ސާބިތުވީ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ދެ މީހުންގެ މައްޗަށް އިއްވީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އެ މީހުން ތަންފީޒުކުރަން ޖެހެނީ ހަތް އަހަރާއި 11 މަހާއި 24 ދުވަހެވެ. އަދި އެ ދައުވާގައި ބުނެފައިވާ ގޮތުން އިނގިލި ބުރިކޮށްލަން ބޭނުންކުރި ވަޅި ހޫނުކޮށްގެން ގެނެސްދިނީ ނަފާހު އެވެ. އޭނާގެ މައްޗަށް ދައުވާ ސާބިތުވެފައެއް ނުވެ އެވެ. އިނގިލި ބުރިކޮށްލިފަހުން އެ ތަނަށް ޒަޔާން އައިސް ރަޖީހުއަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާތީ އޭނާގެ މައްޗަށް އިއްވީ 3 މަސްދުވަހުގެ ޖަލު ހުކުމެކެވެ.
އަނިޔާ ލިބުނު އަބްދުﷲ ރަޖީހު ތަހުގީގަށް ކިޔަދީފައިވާ ބަޔާނުގައިވާ ގޮތުން އޭނާ ރަހީނުކޮށް އަނިޔާކޮށްފައިވަނީ އޭނާއަށް ދިން މަސްތުވާތަކެތި ގެއްލިގެންނެވެ. މިގޮތުން އެ ތަކެއްޗަށްވާ ފައިސާ ނުދެވޭ ނަމަ، އޭނާގެ ކިޑްނީ ވިއްކާލަން ނޫން ނަމަ، ރާއްޖޭން ބޭރަށް ގޮސް އެ އަދަދުގެ މަސްތުވާތަކެތި ގެންނަން އަންގައި ޑިމާންޑް ކުރަމުންދިޔަ ކަމަށްވެސް އެ ބަޔާނުގައި އޭނާ ބުނެފައިވެއެވެ.