ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ދޯދި 5 ގެ ދެވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވި ފިރިހެން ކުއްޖާއަށް ފަރުވާދިނުމަށްފަހު ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފިއެވެ.

އެ ހާދިސާގައި އަމާން ދޯދި 5 ގެ ދެވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވެފައި ވަނީ 16 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އެ ކުއްޖާގެ ހާލަތު ރަނގަޅުވަމުން އަންނާތީ، މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އެގޮތުން މިހާރު އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ އާންމު ވޯޑަށް ބަދަލުކޮށްގެން ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ނަމަވެސް އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އަނިޔާވި ފިރިހެން ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.

އޭގެ ފަހުން އެ ކުއްޖާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން، އިތުރު ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ވަނީ ފަރުވާދީފައެވެ.

އަމާން ދޯދި 5 ގެ ދެވަނަ ފަންގިފިލާއިން އެ ކުއްޖާ ވެއްޓެން މެދެވެރިވި ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.