ހުރުމުޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނުގެ އަތްމަތީގައި ކަމަށާއި، އެ ސަރަހައްދުން މައިންތައް ނެގުމުގެ މަސައްކަތް ކުރާނީ ހަމައެކަނި އީރާނުން ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ލީގަލް އެންޑް އިންޓަނޭޝަނަލް އެފެއާޒްގެ ޑެޕިއުޓީ މިނިސްރު ކާޒިމް ޣަރީބާބާދީ ވިދާޅުވެއްޖެއެވެ.
ކާޒިމް ޣަރީބާބާދީ މިހެން ވިދާޅުވީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުމަށް ކުރަމުންދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން ބައިވެރިވާ ޓީމުގެ މެންބަރެއްގެ ހައިސިއްޔަތުން، އީރާނުގެ ގައުމީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ.
ޣަރީބާބާދީ ވިދާޅުވީ، ހަނގުރާމައިގެ ފަހުން ހުރުމުޒު ކަނޑުއޮޅީގެ ހާލަތު ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ދެން ނުދާނެ ކަމަށެވެ.
އަދި އެ ކަނޑުއޮޅި ބޭނުންކުރާ އުޅަނދުތަކަށް ފީ ނެގުމާ ގުޅޭގޮތުން އީރާނާއި އޮމާނާ ދެމެދު އެއްބަސްވުންތަކެއް އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކަނޑުއޮޅީގެ ކަނޑު ދަތުރުފަތުރުގެ ރޫޓުތައް ކަނޑައެޅުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.
އަދި 1979 ވަނަ އަހަރު އީރާނުގައި ހިނގި އިސްލާމީ އިންގިލާބުގެ މާކުރިން، 1968 ވަނަ އަހަރު ވެސް އީރާނާއި އޮމާނާ ދެމެދު ރޫޓުތައް ކަނޑައެޅުމާ ގުޅޭ އެއްބަސްވުމެއް އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.
ޣަރީބާބާދީ ވަނީ، އެ ކަނޑުއޮޅީގައި މައިން ނައްތާލުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އީރާން ފިޔަވައި އެހެން އެއްވެސް ގައުމަކަށް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ދަތުރުކުރާނެ ރޫޓުތައް ކަނޑައަޅާނީ ވެސް ހަމައެކަނި އީރާނުން ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އެ އިންޓަވިއު ނިންމަވާލައްވަމުން އޭނާ ވިދާޅުވީ، ޕާކިސްތާނުގެ މެދުވެރިކަމާއެކު އެމެރިކާއާ އެކު ވެފައިވާ އެމްއޯޔޫ އާ ޚިލާފުވެއްޖެނަމަ، އީރާނުގެ ފަރާތުން އެކަމަށް ރައްދު ދޭނެ ކަމަށެވެ.