ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށް، ޕެރަގުއާއީން މުބާރާތުގެ ގަދަ 16 ގެ ޖާގަ ހޯދައިފި އެވެ.

ޕެނަލްޓީގައި ޖަރުމަނު ރޮއްވާލައި، ޕެރަގުއާއީ ކުރިއަށް
ޕެނަލްޓީގައި ޖަރުމަނު ރޮއްވާލައި، ޕެރަގުއާއީ ކުރިއަށް

ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ނޮކްއައުޓް ބުރުގައި ރޭ ޕެރަގުއާއީން ޖަރުމަނު ކަޓުވާލީ، 1-1 އިން ދެ ޓީމު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ބޮސްޓަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީވެސް ޕެރަގުއާއީންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކްތައް އުފައްދަމުންދިޔަ ޖަރުމަނު ކޮޅަށް މެޗުގެ 42 ވަނަ މިނެޓުގައި މި ލަނޑު ޖެހީ ހޫލިއޯ އެންސިސްކޯ އެވެ.

ނަމަވެސް ދެވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ޖަރުމަނުގެ ކައި ހަވާޓްޒް ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނު އިރު އެއްވަރުވެފައި އޮތުމުން ކުޅުން އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ޖަރުމަނުގެ ޑިފެންޑަރު ޖޮނަތަން ޓާ ބޮލުން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ އެ ލަނޑު ޖެހުމުގެ ކުރިން ޕެރަގުއާއީގެ ގޯލުކީޕަރު އޯލާންޑޯ ހިލްއަށް ފައުލް ކޮށްފައިވާ ކަމަށެވެ.

ދެ ޓީމު އެއްވަރުވެގެން އިތުރު ވަގުތުގެ ދެ ހާފުވެސް ނިމުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޖަރުމަނުގެ ހަވާޓްޒް އާއި ނިކް ވޯލްޓްމާޑް ޖެހި ޕެނަލްޓީ، ޕެރަގުއާއީގެ ކީޕަރު ހީލް ވަނީ މަތަކޮށްފަ އެވެ. އަދި ޓާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. ޖަރުމަނުން ކާމިޔާބުކުރީ ޖޯޝުއާ ކިމިކް އާއި ޖަމާލް މުސިއާލާގެ އިތުރުން ނަދީމް އަމީރީ ޖެހި ޕެނަލްޓީ އެވެ.

ޝޫޓްއައުޓްގައި ޕެރަގުއާއީގެ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްދިނީ މައުރީސިއޯ، ގުސްޓާވޯ ގޮމޭޒް، މަޓިއަސް ގަލާޒާ އަދި ހޯސޭ ކަނާލޭ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކީ މެޗުގައި ހަތް ސޭވްކޮށް، ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޕެނަލްޓީ މަތަކުރި ޕެރަގުއާއީގެ ކީޕަރު ހީލް އެވެ.

ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޖަރުމަނުން މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ފެށީ ކިއުރަސާއޯ އަތުން 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި ދެވަނަ މެޗުގައި 2-1 އިން އައިވަރީ ކޯސްޓްގެ މައްޗަށް ކުރިހޯދި ނަމަވެސް، ގްރޫޕްގެ ފަހު މެޗުގައި އެކުއެޑޯއިން ވަނީ 2-1 ‏އިން ޖަރުމަނު ބަލިކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 2014 ‏ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، ޖެހިގެން އައި ދެ ވޯލްޑް ކަޕްގައި ވެސް ޖަރުމަނު ވަނީ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ.

ޖަރުމަނު ކަޓުވާލި ޕެރަގުއާއީން ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ނުކުންނާނީ، ފްރާންސް އާއި ސވިޑަން ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.