ފަހު ވަގުތު ޖަޕާންގެ މައްޗަށް ކުރިހޯދައި، ބްރެޒިލްއިން ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ޓީމު ވާދަކުރާ ބުރުން ޖާގަ ހޯދައިފި އެވެ.

ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ނޮކްއައުޓް ބުރުގެ ދެވަނަ މެޗުގައި މިރޭ ބްރެޒިލްއިން ޖަޕާން ބަލިކުރީ، ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

ހިއުސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޖަޕާނުން ލަނޑު ޖެހީ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގަ އެވެ. ބްރެޒިލްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުން މި ލަނޑު ޖަހައިދިނީ ކައިޝޫ ސާނޯ އެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފު ފަށައިގެން 10 މިނެޓު ކުޅެވިފައިވަނިކޮށް، ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ ވަނީ ބޮލުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ބްރެޒިލްއިން ގަދަ 16 ގެ ޖާގަ ޔަގީންކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ގެބްރިއެލް މާޓިނެއްލީ ޖަހައިދިން ލަނޑުންނެވެ. މިއީ އެ ޓީމުގެ ބްރޫނޯ ގިމަރައިޝް ތަނަވަސްކޮށްދިން ފުރުސަތަކުން، ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ގޯލަށް ބޯޅަ ވައްދާލައިގެން މާޓިނެއްލީ ކާމިޔާބުކުރި ލަނޑެކެވެ.

މީގެކުރިން ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލްއިން މިފަހަރުގެ މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ނުކުންނާނީ، އައިވަރީ ކޯސްޓާއި ނޯވޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.