ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ދިވެހި އުފެއްދުންތެރި ކޮންޓެންޓަށް ޚާއްސަ މާކެޓް ޕްލޭސް "ކްރިއެޓޯލް" ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ.

މިކަމަށްޓަކައި ޕީއެސްއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "ކްރިއެޓޯލް" ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދާއި ވިޒިޓް މޯލްޑިވްސް ސީއީއޯ އިބްރާހިމް ޝިއުރީއެވެ.

ވިޒިޓް މޯލްޑިވްސްއިން ތަރައްޤީކުރި "ކްރިއެޓޯލް" އަކީ ރާއްޖޭގެ ވިޝުއަލް އަދި ސަޤާފީ އުފެއްދުންތަކަށް ޚާއްސަ ގައުމީ ޑިޖިޓަލް މާކެޓްފްލޭސްއެކެވެ. ޕީއެސްއެމްއަކީ "ކްރިއެޓޯލް" ގެ ބައިވެރިއެކެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް އުފެއްދުންތެރިންނާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި، މީޑިއާ އިދާރާތަކާއި ސަރުކާރުގެ މުވައްސަސާތަކުގެ އިތުރުން ބޭރުގެ މިޝަންތަކާއި ގުޅުވައިދޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، ރާއްޖެ އިޝްތިހާރުކުރަން ބޭނުންވާ ފޮޓޯއާއި ވިޑީއޯ ބޭނުންވެގެން ވަރަށް ގިނަ ވުޒާރާތަކާއި އެމްބަސީތަކުން ރިކުއެސްޓް އަންނަކަމަށާއި މި ވަގުތު މިކަމުގައި އޮންނަނީ ވަރަށް މެނުއަލް ސިސްޓަމެއް ކަމަށެވެ.

ކްރިއެޓޯލް ވުޖޫދުވީ، މިކަން ޒަމާނީ ގޮތަކަށް ބަދަލުކުރަން ކުރެވުނު މަޝްވަރާއެއްގެ ތެރެއިންނެވެ.

ޝިއުރީ ވިދާޅުވީ ކޮންޓެންޓަކީ އަބަދުވެސް އާވަމުން އަންނަ އެެއްޗެއް ކަމަށާއި, މިއީ ރާއްޖެ ޕްރޮމޯޓްކުރުމަށް ފަސޭހަކަމާއެކު ކޮންޓެންޓް ހޯދަން އުފެއްދި ޕްލެޓްފޯމެއް ކަމަށެވެ. އަދި މިކަން ކުރާނީ ކޮންޓެންޓް ކްރިއޭޓަރުންނަށްވެސް ފައިދާވާނެ ގޮތަށް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ކްރިއެޓޯލް މެދުވެރިކޮށް އުފެއްދުންތެރިންނަށް ވެރިފައިޑް ޕްރޮޕައިލްތައް ހަދައި، ފޮޓޯއާއި ވީޑިއޯ އަޕްލޯޑްކޮށް، އަގު ކަނޑައަޅައި އަމިއްލަ މަސައްކަތުގެ މިލްކުވެރިކަން ދަމަހައްޓަމުން އާމްދަނީ ހޯދޭނެ ކަމަށެވެ. އަދި ކްލަޔަންޓުންނަށް މި މާކެޓް ޕްލޭސްއިން ކޮންޓެންޓް ބަލައި ހިލޭ ލިބެންހުރި ތަކެތި ޑައުންލޯޑްކޮށް އަދި ލައިސަންސްކޮށްފައިވާ ތަކެތި ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކްރިއެޓޯލްއަކީ ހަމައެކަނި ކޮންޓެންޓް ގަނެ ވިއްކާ ތަނެއް ނޫނެވެ.

މީގެ އިތުރުން މިއީ ރާއްޖޭގެ "ކްރިއޭޓިވް އިކޮނޮމީ" ކުރިއަރުވައި ރާއްޖޭގެ ވާހަކަތައް އިތުބާރު ހުރި ގޮތެއްގައި ދުނިޔެއަށް ފޯރުކޮށްދިނުމަށާއި، އުފެއްދުންތެރިންނަށް އައު ދޮރުތަކެއް ހުޅުވައިދޭނެ މުހިންމު ވަސީލަތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައި ވެއެވެ.