އަވަހާރަކޮށްލި އިރާންގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޙާމަނާއީގެ ރަސްމީ ޖަނާޒާގައި ބައިވެރިވުމުގެ ރަސްމީ ދައުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުންދު ވިދާޅުވީ، އިރާންގެ ސަރުކާރުން ދިވެހިރާއްޖެއަށް މި ދައުވަތު ފޮނުއްވާފައިވާ ކަމަށާއި، އެ ޖަނާޒާގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމަށް ސަރުކާރުން މިހާރު ނިންމަވާފައިވާ ކަމަށެވެ.
މީގެ ކުރިން ހެލްކޮޕަޓަރު ވެއްޓި ހިނގި ހިތާމަވެރި ހާދިސާއެއްގައި އިރާނުގެ އޭރުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރާވުމާ ގުޅިގެންވެސް ދިވެހި ސަރުކާރުން ވަނީ އެމަނިކުފާނުގެ ޖަނާޒާގައިވެސް ބައިވެރިވެފަ އެވެ.
އެފަހަރު ދިވެހި ސަރުކާރުގެ ފަރާތުން އެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތީ އޭރުގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
އަވަހާރަކޮށްލާފައިވާ އިރާނުގެ ކުރީގެ ސްޕްރީމް ލީޑަރ އަލީ ޚާމަނާއީގެ ޖަނާޒާ އިރާނުގެ ވެރިރަށް ތެހެރާންގައި ޖުލައި 4 ގައި ފަށާނެކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކުރެއެވެ. އަދި މަޝްހަދުގައި ޖުލައި 9 ގައި ފަސްދާނަލާނެކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ.
ޚާމަނާއީގެ ޖަނާޒާ ބޭއްވުމަށް އެންމެ ފުރަތަމަ ޝެޑިޔުލްކުރީ މާރިޗް މަހުއެވެ. ނަމަވެސް އިރާނާއި އެމެރިކާ އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޖަނާޒާގެ ކަންކަން ވަނީ ފަސްކޮށްފައެވެ.
ޖުލައި މަހު ޚާމަނާއީގެ ޖަނާޒާ ބާއްވާނެކަން އިރާނުގެ މީޑިޔާއިން ހާމަކޮށްފައިވާއިރު ޖަނާޒާގެ ރަސްމިއްޔާތު ޖުލައި 4 ގައި ތެހެރާނުން ފަށާއިރު ތިން ދުވަހުގެ މުއްދަތަށް ޖަނާޒާގެ ހަރަކާތްތައް ކުރިޔަށްދާނެއެވެ. މީގެއިތުރުން ގޫމްގައި ޖަނާޒާގެ ކަންކަން ކުރިޔަށްދާނީ ޖުލައި 7 ވަނަ ދުވަހުއެވެ.
އުމުރުފުޅުން 86 އަހަރުގައި ޚާމަނާއީ އަވަހާރަވީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގައެވެ. އެދުވަހުގެ ހަމަލާތައް ޚާމަނާއީ ދިރިއުޅުއްވަމުންގެންދެވި ގެކޮޅަށް އަމާޒުކޮށް ދީފައިވަނީ ޚާމަނާއީ އަވަހާރަކޮށްލާ އެމެރިކާ އާއި އިސްރާއީލުން ބޭނުންވާ ބަޔަކު އިރާނުގެ ސަރުކާރަށް ގެނައުމަށެވެ.