ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ހިއްސާތަކެއް ބޭރުގެ ބޭންކެއް ކަމަށްވާ ޖޭޕީ މޯގަން އަށް ވިއްކާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދޮގުކުރައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޑީބީއެމްގެ ހިއްސާ ވިއްކާލި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
އެގޮތުން މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގެ ތެރޭގައި ފެތުރެމުންދާ ދަނޑިވަޅެއްގައި، ނޫސްވެރިން އެކަންކަން ސާފުކުރުމަށް ސުވާލުކުރާތީ އެކަމާ އުފާކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރަސްމާލެއިން ޔޫއޭއީގެ ކުންފުންޏަކަށް ޕާލް ރެސިޑެންސް މަޝްރޫއުގެ ދަށުން ބިމެއް ދޭން އުޅޭ ވާހަކަ ވެސް ރައީސް މުޢިއްޒު ވަނީ ދޮގުކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.
މި ސަރުކާރުން އުފެއްދި ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިޞާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމަށާއި، ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފައްދާފައިވާ މުއައްސަސާއެކެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ރަސްމީކޮށް ހުޅުވާފައިވަނީ 16 ނޮވެމްބަރު 2024 ގައެވެ. އެ ބޭންކަށް ބޭންކިންގް ލައިސަންސް ދޫކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުއްދަ ދީފައިވަނީ އެ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.