ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅަކީ ފަހަތަށް އަޅާ ފިޔަވަޅެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިނގިރޭޓުން ނަގާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުން އެ އިސްލާހު ހުށަހެޅީ، އެކަމާ ބެހޭގޮތުން ކެބިނެޓުގައި ތަފްސީލީ ގޮތެއްގައި މަޝްވަރާކޮށް، ކަމާގުޅޭ ފަންނީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަށާޖެހޭ ސިއްހީ ސިޔާސަތެއްގެ ތެރެއިން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން ކަމަށާއި، އެގޮތުން މިހާރު ކުރިއަށްދާ މަރުހަލާއަކީ ވެސް ސިއްހަތަށް ގެއްލުންވާ ކަންކަމުން ދުރުކުރުވުމަށް ކުރެވޭ މަސައަކަތެއް ކަމަށެވެ. އެހެންކަމުން މިއީ ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ފަހަތަށް އަޅާ ފިޔަވަޅެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށްޓަކައި ކުރިއަށްގެންދާ ވަށާޖެހޭ ޕްރޮގްރާމުގެ ދަށުން، ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްކުރާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމުގެ ގޮތުން މާލީ އެހީތެރިކަންދީ، އެ ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަން ކުރާނެ ކަމުގައި ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ކުރިއަށްދާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ މަރުހަލާގައި ކުރެވޭ މަސައްކަތުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކުރި އިރު، އެ އިސްލާހުގެ މައިގަނޑު މަގްސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގުތިޞާދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.