ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް ނިޔާވި، ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ނިޔާވި ހާދިސާ ތަހުގީގު ކުރަމުންދާ ކަމުގެ އިތުރުން އެއްވެސް މައުލޫމާތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަހްދީ ނިޔާވުމުގެ ހާދިސާގެ ތަހްގީގާއި ބެހޭ ގޮތުން، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ހާދިސާ ހިނގައިގެން ދިޔަ ގޮތް ތަހުގީގުކުރަމުންދާ ކަމަށާއި، އެކަމާ ގުޅޭ އިތުރު މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

ވަރަށް ހިތާމަ ވެރި ހާދިސާއެއް ހަމަ ހަގީގަތުގައި ވެސް. އަދި ވަރަށް ވަރުގަދަ ގައުމީ ހިދުމަތެއް މަހްދީ ކުރެއްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އެ މައްސަލައިގެ އެންމެ ފަހުގެ އަދާހަމަ އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުންނާއި ސިފައިންގެ ކަމާ ބެހޭ ބޭފުޅުންގެ ތެރެއިން ސެޓަޕް ބައްލަވަމުން ގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

މެއި މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު އަލިމަތާ ރިސޯޓް ކައިރީ ސަރަހައްދަށް ޑައިވިނަށް ދިޔަ އިޓަލީގެ ފަތުރުވެރިން ތަކެއް ހޯދުމަށް ކުރިޔަށްގެންދިޔަ ރިސްކު އޮޕަރޭޝަންގައި މަހުދީ ނިޔާވެފައިވަނީ މި އޮޕަރޭޝަންގައި ހަރަކާތްތެރިވަނިކޮށް ޑީކޯވެގެން މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުންދަނިކޮށެވެ.

މަހުދީ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި އިރު، ސިފައިންގެ ޚިދުމަތުގައި އިޚްލާޞްތެރިކަމާ އެކު ޚިދުމަތް ކުރައްވާތާ 20 އަހަރާއި 4 މަހާއި 27 ދުވަސް ވަނީ ވެފައެވެ. ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ އަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވިންގ ޔުނިޓުގައި މަސައްކަތްކުރައްވަމުން ގެންދެވި އެ ފަންނުގައި އެތައް ތަމްރީނެއް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަކުރައްވާފައިވާ ހުނަރުވެރި، ޤާބިލު، ތަޖުރިބާކާރު ޑައިވަރެކެވެ.

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ފުރިހަމަކުރައްވާފައިވާ ކޯސްތަކާއި ތަމްރީނުތަކުގެ ތެރޭގައި، އޯޕަން ވޯޓަރ ޑައިވިންގ ކޯހާއި، ޝިޕް ޑައިވަރ ކޯހާއި، ޑައިވް މާސްޓަރ ކޯހާއި، ރެސްކިޔު އެންޑް ސެލްވޭޖް ކޮމާންޑް ކޯހާއި، ވެސެލް ބޯޑް ސަރޗް އެންޑް ސީޒަރ ކޯސް ފޮރ ބޯޑިންގ ޓީމްސް އެންޑް އެމްއައިއޯ ޓްރެއިނިންގ ފަދަ ތަމްރީނު ކޯސްތައް ހިމެނެއެވެ. ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީއަކީ އޯޕަން ވޯޓަރ ޑައިވިންގ ކޯސްތަކުގައި މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވެލެއްވި، އަދި އެ ރޮނގުން އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި މަސައްކަތްކުރެއްވި ބޭކަލެކެވެ. އޭނާ ވަނީ އެމްއެންޑީއެފް އެންސީއޯ އެކެޑަމީގައި ހިންގާ ކެރިއަރ ކޯސްތައް ކަމުގައިވާ ކޯޕްރަލް ކޯހާއި، ސާޖަންޓް ކޯހުގެ އިތުރުން، ބާސްކެޓްބޯލް ޓޭބަލް އޮފިޝަލްސް ޓްރެއިނިންގ ކޯސް ވެސް ފުރިހަމަކުރައްވާފައެވެ. ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ އިޚްލާޞްތެރި ޚިދުމަތާއި، ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ސަބަބުން، 4 މެޑެއްޔާއި 9 ކުލަ ލިބިލައްވާފައިވެއެވެ.