ލ. އަތޮޅަށް އިގްތިޞާދީ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން ވެސް އެންމެ ފައިދާވާނީ އިސްދޫ ކަލައިދޫގައި އެއާޕޯޓް ތަރައްގީކުރުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަށް ކަމަށެވެ. އެގޮތުން އެ އެއާޕޯޓް އެޅުމަށް ހަމަޖެހިފައި ވަނީ އިސްދޫ ކަލައިދޫގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ލ. އަތޮޅުގައި ތިންވަނަ އެއާޕޯޓެއް އެޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެކަން އެ ގޮތަށް ނިންމެވީ މުޅި އެ ސަރަހައްދަށްވެސް އެންމެ ފައިދާ ވާނެ ގޮތަކީ އެއީ ކަމަށް ގަބޫލުފުޅުކުރެއްވޭތީ ކަމަށެވެ. އެގޮތުން، އިގްތިޞާދީ ގޮތުންނާއި ޖިއޮގްރަފީ ގޮތުން ވެސް އެންމެ ފައިދާވާނީ އިސްދޫ ކަލައިދޫގައި އެއާޕޯޓް ތަރައްގީކުރުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަންނީގޮތުން ބަލާއިރުވެސް އެ އަތޮޅުގައި އެއާޕޯޓު އަޅަން އެންމެ ރަނގަޅީ އިސްދޫގައި ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އިސްދޫ ކަލައިދޫގައި ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު ތަރައްގީކުރަން ނިންމާ ހައުސިން މިނިސްޓްރީން މިދިޔަ ހަފްތާގައި ބުނީ އިސްދޫ ކަލައިދޫއަކީ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމަށާއި، އެ ރަށަށް ބޭނުން ވަނީ ފުރިހަމަ އިގުތިޞާދެއް ބިނާކުރުމުގެ ފުރުސަތު ފަހިކުރުން ކަމަށެވެ. މިގޮތުން ވަށައިގެން އޮތް ރަށްތަކުގެ ގުދުރަތީ ރީތިކަމާ އެކު ޓޫރިޒަމުން މަންފާ ހޯދައިދިނުން ހިމެނެއެވެ.
އިސްދޫ-ކަލައިދޫ އިން ލ. އަތޮޅުގައި އޮންނަ ހަމައެކަނި އެއާޕޯޓް ކައްދޫއަށް ދާން 40 މިނެޓްގެ ދަތުރެއް ކުރަންޖެހެއެވެ.