މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ގޯއްޗާއި ފްލެޓް ކަށަވަރުވާ މީހުންގެ ލިސްޓު މި އަހަރު ތެރޭ އިއުލާނު ކުރާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުން ކަނޑައަޅައި މި އަހަރު ތެރޭގައި އެކަން އިއުލާނު ކުރާނެ ކަމަށެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އެންމެ ބޮޑު ވަޢުދު ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަނީ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިކަމަކީ އެތައް ހާސް ރައްޔިތުންނެއްގެ ދިރިއުޅުމާ ގުޅިފައިވާ ހައްސާސްކަމެއް ކަމަށާއި، އެގޮތުން އެއްވެސް ކަހަލަ ނުފޫޒެއް އެކަމުގެ ތެރެއަށް ވަނަނުދީ ކުރިއަށް ގެންދިއުމަށް ހާއްސަ ސަމާލު ކަމެއް ދެއްވަމުންދާ ކަމަށެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ތަފްސީލުތައް ރަނގަޅަށް ވެރިފައިކޮށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޕޮއިންޓް ހަމަވާ ތަރުތީބުން ފްލެޓް ލިބޭނެ ކަމަށާއި، މި އަހަރުގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކޮށް ކޮންމެ މީހަކަށް ލިބެނީ ކޮން މަޝްރޫއެއްގެ ދަށުން ކޮން ފްލެޓެއްކަން އެނގޭނެހެން ތަފްސީލުތައް ހާމަކުރައްވާނެކަމަށެވެ. އަދި ގޯތި ލިބޭ ފަރާތްތަކަށްވެސް އެކަން މިއަހަރުގެ ތެރޭގައި އަންގާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ޕްރޮގްރާމްތަކުގެ ދަށުން ފްލެޓަށް އެދި ޖުމްލަ 35،930 މީހަކު އެޕްލައިކޮށްފައިވާ އިރު ބިމަށް އެދި 22،575 މީހަކު ވަނީ އެޕްލައި ކޮށްފައެވެ. އެގޮތުން މުޅި ޖުމްލަ 58،505 މީހަކު ވަނީ މި ޕްރޮގްރާމްތަކުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ހައުސިން ޔުނިޓުތައް އެޅުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފަށާނެ ކަމަށް ވިދާޅުވެފައެވެ.