މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، ހުޅުވާލާފައިވާ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ، މި ސްކޯލަރޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން މެލޭޝިޔާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދިވެހިންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ.

ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑި މާދަމާއަށް ހަމަވާ ގޮތަށް ކުރިން އޮތް ނަމަވެސް، އެމްއެމްއޭއިން ބުނީ، ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ޖުލައި 15 އާ ހަަމައަށް އިތުރުކޮށްފައިވާ ކަަމަށެވެ.

މިއަހަރުގެ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ، އެކައުންޓިންގ ދާއިރާއިން ފުރަތަމަ ޑިގްރީ (އޮނަރސް)، ގާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ (އެކި ދާއިރާތަކުން)، އިޤްތިޞާދީ ދާއިރާއިން މާސްޓަރސް ޑިގްރީގެ އިތުރުން އިސްލާމިކް ފައިނޭންސް އަދި އެއާ ގުޅުންހުރި ދާއިރާތަކުން ޕީ.އެޗް.ޑީ ހިމެނެއެވެ.

ސްކޮލަރޝިޕްތަކަށް މީހުން ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރަށާއި ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ މިންވަރަށެވެ. އަދި ސްކޮލަރޝިޕް ކަށަވަރުވާނީ ކަނޑައެޅިފައިވާ ޔުނިވަރސިޓީތަކުން އެޑްމިޝަން ލިބުމުންނެވެ.