ރ. އަލިފުށި ހޮސްޕިޓަލާއި އެއާޕޯޓްގެ މަސައްކަތް މި ދައުރު ތެރޭ ނިންމައި، ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ޞިއްޙީ ނިޒާމު އޮތީ ވަރަށް ނިކަމެތި ޙާލަތެއްގައިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ހުރިހާ ފަރާތްތަކަކަށްވެސް ފުރިހަމަ ޚިދުމަތް ލިބޭނެ ފަދަ ވަށާޖެހޭ ޞިއްޙީ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.

އެގޮތުން ބައެއް މަޝްރޫޢުތައް އެންމެ އެދޭ ބާރުމިނުގައި ކުރިއަށް ނުދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެއީ އެމަސައްކަތްތައް ނުކުރުމަކަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރ. އަލިފުއްޓަކީ ސަރަޙައްދީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ރަށަކަށް ވުމާއެކު، އެ ރަށުގެ އެއާޕޯޓާއި ހޮސްޕިޓަލްގެ މަޝްރޫޢު ހިމެނޭހެން ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުތަކަކީވެސް ޚާއްޞަ ސަމާލުކަމެއްދީގެން ކުރިއަށްގެންދާނެ ކަންކަން ކަމަށެވެ.

ދެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި. އެމްޓީސީސީއަށް ބޭނުންވާ ސާމަނު ގަތުމަށް ބޭނުންވާ ފައިނޭންސް ވަނީ ހަމަޖެހިފައި. މާ ލަސްތަކެއްނުވެ އެމްޓީސީސީގެ ފަރާތުން އެ މަޝްރޫއަށް ބޭނުންވާ ސާމާނު ހޯދާ މަސައްކަތް ފެށިގެންދާނެ. މި ދެ މަޝްރޫޢު މި ދައުރުގެ ތެރޭގައި ނިންމާ ހުޅުވާނަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މި ދެ މަޝްރޫއު މިދައުރު ތެރޭގައި ނިންމާފައި ހުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ވަނީ ހޮސްޕިޓަލްތައް އަދި ހެލްތް ސެންޓަރުތައް ނިންމުމަށް އެކި މަރުހަލާތަކުގައި ހުރި ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތައް ނިންމުމަށްޓަކައި ތާވަލެއް އެކުލަވައިލާފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރުގެ މެދުތެރެ އާއި ފަހުކޮޅަށް، އަދި ބައެއް ބޮޑެތި މަޝްރޫއު، 50 އެނދުގެ ހޮސްޕިޓަލް ކަހަލަ މަޝްރޫއުތައް ހުންނާނީ 2028ގެ ދެވަނަ ޕޯޓްރާ ހަމައަށް ދާއިރު ނިންމާ ގޮތަށް ކަނޑައަޅާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތަކަކީ ކޯވިޑް ފަދަ ބަލިތައް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލްތަކެކެވެ. މީގެ އިތުރުން ހޮސްޕިޓަލުން ބޭނުންކުރާ ހަކަތައަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.