ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލް މަޖިލީހަށް ހުށަހަޅާ ދެއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ( ކުޑޫ )އެވެ. މި ބިލްގެ ފުރަތަމަ އިއްވުން ބާއްވާފައިވަނީ 23 ޖޫން ގައެވެ.

މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވީ މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ މިހާރު އަމަލު ކުރަމުންދާ ޤާނޫނުގެ ދަށުން ރަށެއްގެ ރަށްވެއްސަކަށް ރަޖިސްޓްރީ ކުރެވޭނީ ރަށެއްގައި މެދުނުކެޑި 5 އަހަރު ދުވަހު ދިރިއުޅެފައިވާ ފަރާތަށް އޮންނަ އޮތުން ބަދަލުކޮށް ރައްޔިތުންނަށް ލުއި ފަސޭހަ މަގެއް ތަނަވަސް ކޮށްދިނުމަށް ކަމަށެވެ.

އެ ގޮތުން ރަށަކުން ދިރިއުޅުމަށް އެކަށީގެންވާ ބިމެއް ނުވަތަ ތަނެއް މިލްކު ވެފައިވާ ފަރާތްތަކަށް އެރަށެއްގެ ރަށްވެހިކަން ފައްސޭހައިން ހޯދޭ ނިޒާމް ގާއިމްކޮށް މިކަމާއި ގުޅޭ ގާނޫނީ އޮނިގަނޑު މި އިޖްތިމާއި އަދި އިގްތިސޯދީ ހާލަތުގައި އޮތްގޮތަށް ހަރުދަނާ ގޮތެއްގެ މަތިން ބިނާ ކުރުމަކީ އުންމީދު ކަމަށް މެންބަުރު ވިދާޅުވިއެވެ.

މި ޤާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި ރަށެއްގައި ރަށްވެހިވެފައިވާ މީހަކަށް، ވާރުތައިން، ބިން ބެހުމުން، ގަތުމުން، ހިބައިން ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އެހެން ރަށަކުން ބިމެއް، ގެއެއް، ފުލެޓެއް ނުވަތަ އެފަދަ ތަނެއްގައި ދިރިއުޅުމުގެ ޤާނޫނީ ހައްޤު ލިބިފައިވާނަމަ، އެ ރަށެއްގެ ރަށްވެއްސަކަށް ވުމަށް އެދި ހުށަހެޅުމުގެ އިހުތިޔާރު އެ މީހަކަށް ލިބިގެންވެއެވެ.

މިގޮތުން އެދި ހުށަހަޅާ ފަރާތުން، އެފަދަ ހައްޤެއް ލިބިފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިޔެކިޔުންތައް ހުށަހެޅުމުން، އެ ބިމަކީ، ގެއަކީ، ފުލެޓަކީ ނުވަތަ ދިރިއުޅޭ ތަނަކީ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަން ކަމާބެހޭ އިދާރާއަށް ކަށަވަރުވުމުން، އެ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭންވާނެއެވެ.

މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އެދި ހުށަހަޅާނެ އިޖުރާއާތުތަކާއި، އެ ހުށަހެޅުންތަކާމެދު ގޮތް ނިންމުމަށް މަސްއޫލުވާ އިދާރާއާއި، ބަލަދުވެރިކަމުގެ ދަށުގައިވާ ކުދިންގެ ރަށްވެހިކަން ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރަންވާނެއެވެ.