އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވި މުޙައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަޤާމަށް މުޙައްމަދު ޝަކީލް އައްުޔަން ކުރެއްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ޝަކީލު އީސީގެ ރައީސްކަމަށް އައްޔަނުކުރުމަށް ރައީސް ފޮނުއްވި ސިޓީފުޅު އިއްވާފައެވެ. މިމައްސަލަ ދިރާސާކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުންނާއި މެންބަރުގެ މަގާމުން މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޝަކީލަކީ މީގެ ކުރިންވެސް އީސީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2014 އިން 2018 އަށް އެ ކޮމިޝަންގެ މެންބަރުކަން ކުރެއްވުމުގެ ކުރިން، 2013 އިން ފެށިގެން އެއް އަހަރު ދުވަހު ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އީސީގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދާއި، ހަސަން ޒަކަރިއްޔާ އާއި، އަބްދުލްހަސީބް އިސްމާއީލް އަދި ރިފްއަތު އަބްދުﷲ އެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން އެ ކޮމިޝަންގެ ރައީސަކަށް އައްޔަންކުރާނީ، މެންބަރުންގެ އަދަދު ހަމަވުމުން، މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރެކެވެ.