ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ފަހު ވަގުތު ދެކުނު އެފްރިކާ ބަލިކޮށް، ކެނަޑާއިން ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗުގައި ރޭ ކެނަޑާއިން ދެކުނު އެފްރިކާ ބަލިކުރީ 1-0 އިންނެވެ.
މިއަހަރުގެ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނަޑާއިން މީގެކުރިން ދެ ވޯލްޑް ކަޕެއްގައި ވާދަކުރި ނަމަވެސް، ދެ ފަހަރުވެސް ގްރޫޕް ސްޓޭޖުން ކެޓީ ޕޮއިންޓެއް ނުލިބި އެވެ. ކެނަޑާއިން މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ހަތަރު ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނައިގަ އެވެ.
ކެލިފޯނިއާގެ ސޯފީ ސްޓޭޑިއަމްގައި ރޭ ކެނަޑާ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެވެ.
މެޗުގެ ދެވަނަ ހާފުގައި ކެނަޑާއިން އެޓޭކްތައް ވަރުގަދަކޮށް ލަނޑެއް ޖަހަން މަސައްކަތް ކުރި އިރު، ދެކުނު އެފްރިކާއިން ފަހަތުގައި ރަނގަޅު ކުޅުމެއް ދައްކާފައިވެ އެވެ.
އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ގެއްލުނު ކެނަޑާގެ ކެޕްޓަން އަލްފޮންސޯ ޑޭވީސް ވަނީ ރޭގެ މެޗުގެ ދެވަނަ ހާފުގައި ކުޅެން ނުކުމެފަ އެވެ.
މެޗުގެ ފަހުކޮޅު އިދިކޮޅު ޑިފެންސަސް ބާރުބޮޑު ކުރަމުންދިޔަ ކެނަޑާއިން ލަނޑު ޖެހީ، 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނެޓުގަ އެވެ. އެގޮތުން، ދެކުނު އެފްރިކާގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ކެނަޑާ މޮޅުކޮށްދިނީ ސްޓެފަން އިސްޓަކިއޯ އެވެ.
ކެނަޑާއިން ގަދަ 16 ބުރުގައި ވާދަކުރާނީ، މޮޮރޮކޯ އާއި ނެދަލެންޑްސް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.
ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ މެޗުތައް މިރޭވެސް ކުޅޭނެ އެވެ. އެގޮތުން މިރޭ 22:00 ގައި ބްރެޒިލް އާއި ޖަޕާން ވާދަކުރާ އިރު، 1:30 ގައި ޖަރުމަނާއި ޕެރަގުއާއީ ކުޅޭނެ އެވެ. އަދި މާދަމާ ހެނދުނު 6:00 ގައި މޮރޮކޯ ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.