ފުލުހުންގެ މަރުކަޒުތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތަރައްގީކުރުމުގެ އިތުރުން، މާލޭގައި ފުލުހުންގެ މައި ހެޑްކުއަރޓާ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް މިސަރުކާރުން ޚާއްސަ އިސްކަމެއްދޭނެކަމަށެވެ. އެގޮތުން ފުލުހުންގެ އުމްރާނީ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިސްކަންދަރުކޮށީގައި އެޅުމަށް ހަމަޖެހިފައިވާ ދެވަނަ އިމާރާތް އެޅުމަށް ފަހިކޮށްދޭންޖެހޭ ކަންކަން މިސަރުކާރުން ފަހިކޮށްދޭނެކަމަށެވެ.

އަދި ޒަމާނަށް ފެތޭ ޖާގަޔާއި ވަސީލަތުގެ ގޮތުން ތަނަވަސް އެންމެ ރަނގަޅު ފެންވަރުގެ ފުލުހުންގެ ހެޑްކުއަރޓާ އެއް މާލޭގައި އެޅުމަށް ކޮށްދޭންޖެހޭ ހުރިހާ މަސައްކަތްތަކެއްކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަށްރަށުގައި އަޅަމުންދާ ފުލުހުންގެ މަރުކަޒުތައް އެޅުމުގައި އެކި ކަހަލަ ދަތިތައް ދިމާވަމުންދިޔަަނަމަވެސް އަމާޒަކީ މިދައުރުގެ ތެރޭގައި އެތަންތަނުގެ މަސައްކަތް ނިންމުންކަމަށެވެ. އަދި އަންނަ އަހަރަކީ ރަށްރަށުގައި އިމާރާތްކުރާ ފުލުހުންގެ ތަންތަން ނިންމުމަށް އަމާޒުކޮށް މަސައްކަތްކުރާނެ އަހަރެއްކަމަށް ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ އުމްރާނީ ތަރައްގީއަށް މަސައްކަތްކުރުމުގެ އިތުރުން މިސަރުކާރުން ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމަށްވެސް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިސަރުކާރުގެ ސިޔާސަތަކީ ދ. ވާނީ ގައި ހުރި ޓްރެއިނިންގ މަރުކަޒަކީ ފުލުހުންގެ ތަމްރީނުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެފައިވާ ވަރުގަދަ މަރުކަޒަކަށް ހަދައިދިނުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިފާޢީ ޚިދުމަތްތައް ހަރުދަނާކޮށް ވަރުގަދަކުރުމަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި އިޚްލާސްތެރިކަމާއެކު ސަރުކާރުން ފުރިހަމަކޮށްދެމުން ގެންދާނެކަމެއްކަމަށެވެ. ރައްޔިތުންސް ބަލައިގަންނަ ފަދަ ޚިދުމަތެއް ދިވެހި ފުލުހުންގެ ފަރާތުން ލިބެމުންދާނެކަން ކަށަވަރުކުރުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އެގޮތުން، ޤާނޫނީ ބަދަލުތައް ގެނައުން ކަމުގައިވިޔަސް، ނުވަތަ ޒަމާނީ އުމްރާނީ ބަދަލުތަކާއި، އިންސާނީ ވަސީލަތުގެ ތަރައްޤީ ފަދަ ދާއިރާތަކުން ކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.