އަންނަ އަހަރު ތެރޭގައި ފުލުހުންގެ "ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑަރ" ޚިދުމަތް ތަޢާރަފްކުރާނެކަމަށް ދާހިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މުއައްސަސާއަށް 93 އަހަރުފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައިދިނުމުގެ މަސައްކަތްތައް ކުރަމުންކަމަށެވެ. އެގޮތުން ފުލުހުންގެ ޑްރޯންގެ ޚިދުމަތާއެކު ހާދިސާއެއްގެ ރިޕޯޓު ފުލުހުންނަށް ލިބުމާއެކު އެސަރަހައްދަށް ޑްރޯން ދާނެކަމަށެވެ. އަދި އެސަރަހައްދުގެ ހާލަތު ވީޑިއޯގެ ޒަރީއާއިން ވަގުތުން ފުލުހުންނަށް އެނގެމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު އިހުސާން ވިދާޅުވީ ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަރޖެންސީ ރެސްޕޮންސް ސެންޓަރުގެ ޤާބިލުކަން އިތުރުކުރުމަށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓާއި، އެހީއަށްއެދި ގުޅާފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެގޮތާއި އެހިސާބެއްގައި ހަރުކުރެވިފައިވާ ފުލުހުންގެ ކެމެރާފީޑްތައް ވަގުތުން ފެންނަގޮތަށް ސިސްޓަމް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ ޓެކްނޮލޮޖީ ހޮސްޓުކުރުމަށް އެންމެ ޒަމާނީ ޑޭޓަރ ސެންޓަރެއް އުޅުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައިކަމަށެވެ.
ފުލުހުންގެ އުމްރާނީ ތަރައްގީއަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ދައުލަތްހިންގެވުމާއި ހަވާލުވަޑައިގަތްއިރު ފުލުހުންގެ އަމިއްލަ މަރުކަޒު ހުރީ އެއްމެ 17 ރަށުގައިކަމަށެވެ. އަދި އޭރު ޚިދުމަތް ދެމުންގެންދިޔަ އަނެއް 100 ރަށުގައި ފުލުހުން ޚިދުމަތް ދެމުން ގެންދިޔައީ ފުރިހަމަ މަރުކަޒެއްނެތި ވަރަށްވެސް އުނދަގުލުގައިކަމަށެވެ.
އިހުސާން ވިދާޅުވީ މިދައުރު ނިމުމުގެ ކުރިން ފުލުހުން ގާއިމުވެ ތިބޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް އެކަށީގެންވާ މަރުކަޒުތައް ހުންނާނީ ގާއިމުވެފައިކަމަށެވެ.
ވަޒީރު ވަނީ ޒަމާނީ، ޕްރޮފެޝަނަލް ފުލުހުން ބިނާކުރުމާއި އަދި ކަމަށް އެކަށީގެންވާ ވަސީލަތްތަކާއި ތަމްރީނާއި ބޭރުގެ ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުމަށް ފަހިކޮށްދޭންޖެހޭ ހުރިހާ ކަމެއް ފަހިކޮށްދޭނެކަމުގެ ޔަގީންކަން ފުލުހުންނަށް އަރުވާފައެވެ.