ފުލުހުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދައި ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި ފަދައިން ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް 93 އަހަރުފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ބޯހިޔާ ވަހިކަމުގެ ސިޔާސަތު ކަމަށެވެ،

އެގޮތުން ސިފައިންނާއި ފުލުހުން ގައުމައް ކުރާ ހިދުމަތަށް ތައުރީފް ކުރައްވަމުން ރައީސް ވިދާޅުވީ، އެ ދެ މުއައްސަސާ އަކީ ފުރާނަ އަތް މައްޗަށް ލައިގެން ނުރައްކަލަކަށް ހުށަހެޅިގެންދާ ގައުމީ ހިދުމަތް ތަކެއް ކުރައްވަމުން ގެންދާ ދެ މުއައްސަސާ ކަމަށެވެ.

އެހެންކަމުން ރައީސް ވިދާޅުވީ، އެ ކަންކަމަށް ރިއާއަތް ކުރެވިގެން އަސާސީ ބޯހިޔާވަހިކަމުގަ ވެސް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ދޭންޖެހޭ އިސްކަން ދިނުމަކީ އެ މަނިކިފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި އިންސާފުވެރިކަމެއް ކަމަށެވެ.

" އަޅުގަނޑު ތިބޭފުޅުންނަށް ވެސް ދަންނަވާލަން ބޭނުން ވަނީ ފުލުހުންނަށް ވެސް ހާއްސަ ކުރެވޭ ބޯހިޔާވަހި ކަމުގަ މިލްކުވާ، ދާއިމީކޮށް ލިބޭ ބޯހިޔާ ވަހި ކަން ކަނޑަ އެޅުމަކީ ސަރުކާރުގެ ސިޔާސަތު ކަން"

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހައުސިން މަޝްރޫއުތަށް ހިންގޭ މިންވަރަކުން އަދި ހިންގުމަށް މަގުފަހިވެގެންދާ މިންވަރަކުން މާލެ ސަރަހައްދުގައި އެކަމަށް މަގުފަހި ކުރުމަށް ނިންމާފައިވާނޭ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހި ކަމުގެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފުލުހުންނަށް ރަނގަޅު ނަތީޖާތަކެއް ނެރެދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.