ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަށްޓަކައި، ކަމާގުޅޭ ހުރިހާ އިދާރާތަކާއެކު އެމްއޭސީއެލް އިން އަބަދުވެސް ގާތުން މަސައްކަތްކުރާނެ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީއީއޯ މިފަދައިން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތިން މުއައްސަސާއަކާ އެކު ސޮއިކުރި އެއްބަސްވުންތަކަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
އެމްއޭސީއެލް އިން ސޮއިކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާ އެކުގައެވެ.
މި އެއްބަސްވުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިއީ އެއަރޕޯޓުގައި ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން އެޅުނު ވަރަށް މުހިންމު އަދި ކާމިޔާބު ފިޔަވަޅެއް ކަމަށެވެ. މި ފަހުމުނާމާތަކުގެ ސަބަބުން ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކިފަރާތްތަކުގެ ޒިންމާތައް ހިއްސާކުރުމަށް މަގުފަހިވާނެ ކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މައި އެއަރޕޯޓަކީ އަބަދުވެސް ތަފާތު ބަދަލުތައް އަންނަ ތަނަކަށް ވުމާއެކު، އެއަރޕޯޓުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި އޮންނަ ފައިދާހުރި ކޯޑިނޭޝަންގެ ސަބަބުން ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ. މީގެ އިތުރުން، ކުއްލި ހާލަތްތަކަށް ތައްޔާރުވުމަކީ ވަކި އިދާރާއަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ހުރިހާ ހިއްސާދާރުންގެ މެދުގައި އޮންނަ އިތުބާރާއި، ހާމަކަންބޮޑު މުޢާމަލާތްތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަންވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.
ސީއީއޯ ވިދާޅުވީ، މި ފަހުމުނާމާގެ ސަބަބުން އުފެދޭ ގުޅުންތަކުގެ ތެރެއިން އޮޕަރޭޝަނަލް އުސޫލުތައް އިތުރަށް ހަރުދަނާވެ، ގުޅިގެން ހިންގާ ތަމްރީނުތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް އިތުރުވާނެ ކަމަށެވެ. މީގެ ސަބަބުން ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ގާބިލުކަން އިތުރުވެގެންދާނެކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.
އެންޑީއެމްއޭ، އެމްއެމްއެސް އަދި އެމްއާރްސީ އިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން، ސީއީއޯ ވިދާޅުވީ، މި މަސައްކަތްތަކަކީ ފަސިންޖަރުންނާއި މުވައްޒަފުންގެ އިތުރުން މުޅި އޭވިއޭޝަން ދާއިރާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.