އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސިސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާހުކޮށްފިއެވެ.
އޭސިސީން ބުނީ، މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ނަތީޖާ ނެރެވޭނެ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުމާއި، ތަހުގިގުތަކުގެ އަވަސްކަން އިތުރުކުރުން ކަމަށެވެ.
މި އިސްލާހުގެ ދަށުން، ކޮމިޝަނަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް، ނިންމާނެ މުއްދަތެއް ކަނޑައެޅުމަށްޓަކައި، ތަހުގީގު ފެށުމުގެ ކުރިން، އެ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، 'އެސެސްމަންޓެއް' ހެދުން ލާޒިމުކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އޭސީސީން ބުނީ، މައްސަލަތައް އެސެސްކުރުމުގައި މުޖުތަމަޢުގެ މަސްލަޙަތު، މާލީ ގެއްލުން، ހެކި ނައްތާލުމުގެ އިހުތިމާލު، އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު ފަދަ 10 މިންގަނޑަކަށް ބަލައި، މައްސަލަތައް ކެޓަގަރީކޮށް، އެ ކެޓަގަރީތަކާ އެއްގޮތަށް މައްސަލަތައް ނިންމުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅަން ލާޒިމު ކޮށްފައިވާނެ ކަމަށެވެ.
އަދި, މި އިސްލާހުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ހާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެން ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.
މި އިސްލާހް ގެނެސްފައިވަނީ، ކޮމިޝަނުގެ އައު ސްޓްރެޓެޖިކް ޕްލޭނުގެ ދަށުން، ތަހުގީގުތައް ހަރުދަނާކޮށް، ތަހުގީގު ލަސްވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރިޔަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށް އޭސީސީން ބުނެއެވެ.
މި އިސްލާހާއެކު، އޭސީސީގެ ތަހުގީގު އޮނިގަނޑު އިތުރަށް ހަރުދަނާވެ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ޢަމަލުކުރާ އިޖުރާއަތުތައް މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް ކޮމިޝަނުން އުންމީދު ކުރެއެވެ.