އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވާ ނުރައްކާތެރި ގޮތަކަށް ބޮލަށް ހަމަލާދީގެން އަބްދުއްރަހްމާން އާދަމް މަރާލި މައްސަލާގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި ކުޑަކުއްޖެއްގެ ބަޔާން ހުށަހަޅައިފިއެވެ.

ގޭގައި ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް އުމުރުން 65 އަހަރުގެ އަބްދުއްރަހުމާނު މަރާލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13ގައެވެ.

މި މައްސަލައިގައި ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ އއ. މާޅޮސް، ފިޔަ / އަޙްމަދު އާޝިދާއި އެ ރަށު ލިލީފެހި, މުޙައްމަދު ވިސާމާއި ފިނިވާގެ, އަހުމަދު ފާރިސެވެ.

އެގޮތުން ނުރައްކާތެރި ހަތިޔާރަކުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެރަށު ފިޔަ، އަހުމަދު އާޝިދުގެ މައްޗަށް ކުރާއިރު، އެކަމުގައި ބައިވެރިވިކަމުގެ ދައުވާ ކުރަނީ އެރަށު ރަށު ލިލީފެހި، މުހައްމަދު ވިސާމާއި އެރަށު ފިނިވާގޭ އަހުމަދު ފާރިސްގެ މައްޗަށެވެ.

އޭގެ ތެރެއިން އާޝިދުގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ވިސާމާއި ފާރިސްގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މިއަދު މި މައްސަލައިގެ އަޑުއެހުމެއް ވަނީ ބާއްވައިފައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ހެކި ހާމަކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައެވެ. ދައުލަތުން އެދުނީ އެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކުޑަކުއްޖެއްގެ ބަޔާން ރައްކާތެރިކުރުމުގެ އަމުރަކަށާއި އެ ކުއްޖާގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް އަދި އަބްދުއްރަހްމާނަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތައް ހިމެނޭ ރިޕޯޓެއް ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ދައުލަތުން ވަނީ މިއަދު ޑީއެންއޭ ރިޕޯޓުތައް ހުށަހަޅައިފައެވެ. މައްސަލައާ ގުޅޭ ރިޕޯޓުތައް ވަނީ ދައުވާ ލިބޭ ފަރާތަށް ރައްދުކޮށްފައެވެ.

މައްސަލަ ބައްލަވާ ގާޟީ ވަނީ ދައުވާ ހުށަހެޅުމަށާއި އަދި ދައުވާއަށް ޖަވާބުދާރީވުމަށް އޮންނަ އަޑުއެހުން އަންނަ މަހުގެ 12ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

އަބްދުއްރަހުމާން މަރުވީ، އޭނާގެ އަންހެނުން ނާޒިމާގެ މާހިޔައިގައި ނިދާފައި އޮއްވައި ދިން ހަމަލަތަކާ ގުޅިގެން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށް 13 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައެވެ.