އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް އިލްޔާސް ހަނީފް އައްޔަނު ކޮށްފިއެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުން އުފެދިފައިވާ މުއައްސަސާއެކެވެ.
ސީއޭ މޯލްޑިވްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 25 ޖޫން އިން ފެށިގެން އިލްޔާސް ހަނީފް ސީއީއޯގެ މަގާމަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އެކައުންޓެންސީ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އެ އިންސްޓިޓިއުޓުން ކުރަމުންދާ މަސައްކަތުގައި ހޯދުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ސީއޭ މޯލްޑިވްސްއިން ފާހަގަކޮށްފައިވެއެވެ.
'ސީޕީއޭ އޮސްޓްރޭލިއާ'ގެ ސެޓިފައިޑް ޕަބްލިކް އެކައުންޓަންޓެއް ކަމަށްވާ އިލްޔާސް ހަނީފަކީ މާލީ ދާއިރާއާއި، ކޯޕަރޭޓް ގަވަނަންސް އަދި ސްޓްރެޓީޖިކް މެނޭޖްމަންޓްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.
އެގޮތުން އޭނާ ވަނީ ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކުގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ.
އޭގެތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަޤާމުގެ އިތުރުން، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައި ވެއެވެ.
ނިއުޒީލެންޑްގެ ޔުނިވަރސިޓީ އޮފް އޯކްލޭންޑުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ އިލްޔާސް ހަނީފް ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ފައިނޭންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައެވެ.