އެއް ފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ބޮޑު ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޑްރަގްގެ ފަރުވާ ފޯރުކޮށްދޭ މައިގަނޑު އެއް މަރުކަޒަކީ ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރު ކަމަށެވެ.
އެ ސެންޓަރުން އެންމެ އެދެވޭ ގޮތަށް ފަރުވާގެ ކަންކަން ކުރިއަށްނުދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ބިޔަ މަޝްރޫއެއް އަންނަ ޖުލައި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ.
ވަޒީރު ވަނީ މީހުން ބިނާކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ފަރުވާގެ ނިޒާމުގެ ތެރޭގައި ރިކަވަރީ ސަޕޯޓު އަދި ސައިކޯ ސޯޝަލް ސަޕޯޓް ފަދަ ދާއިރާތަކަށް މީހުން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރިކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން ހައްލުކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމައަށް ނެރުމަށް ހާއްސަ ސިޔާސަތުތަކެއް އެކަށައަޅަމުން އަންނަ އިރު، އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެންނެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅެކެވެ.