ޣައްޒާގެ "ސަލާމަތީ ސަރަހައްދު" ކަމަށް ކަނޑައަޅާފައިވާ އަލް-މަވާސީއަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައި، އެއްބަނޑު އެއްބަފާ ދެ ކުދިން ޝަހީދުވެއްޖެއެވެ.
އިޒްރޭލުގެ ޑްރޯންތަކުން ޚާން ޔޫނިސްގެ ހުޅަނގުގައި ހުންނަ އަލް-މަވާސީގެ ވަގުތީ ފޭލިގެތަކަކަށް ދިން މި ހަމަލާގައި ޝަހީދުވީ 15 އަހަރުގެ އަންހެންކުއްޖެއް ކަމަށްވާ އިސްލާމް މޫސާއާއި، އޭނާގެ 30 އަހަރުގެ ބޭބެ ޢަބްދުﷲ މޫސާއެވެ.
މިއީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ހިޔާވަހިކަން ހޯދަމުން އަންނަ ސަރަހައްދުތަކަށް އަމާޒުކޮށް އިޒްރޭލުން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެވެ.
މި ހަމަލާގައި އިތުރު ހަތް މީހަކު ވަނީ ޒަހަމްވެފައެވެ.
ޣައްޒާގެ ސިވިލް ޑިފެންސް ޓީމުތަކުން ވަނީ އެމީހުން ހޯދައި ނާސިރު ހޮސްޕިޓަލާއި ރެޑް ކްރޮސް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ނާސިރު ހޮސްޕިޓަލުގެ ގޯތިތެރޭގައި އެއްބަނޑު އެއްބަފާ ދެ ކުދިންގެ ޖަނާޒާ ބާއްވާފައި ވާއިރު، އެމީހުންގެ އާއިލާގެ މެމްބަރުން އެ ޖަނާޒާގައި ހިތާމަފާޅުކުރި މަންޒަރު ވަނީ މީޑިއާގައި އާންމުވެފައެވެ.
މީގެ އިތުރުން މީގެ ދުވަސްކޮޅެއް ކުރިން އަލް-މަވާސީއަށް ދިން ހަމަލާތަކެއްގައި ޒަހަމްވި 10 އަހަރުގެ ކުޑަކުއްޖެއް ކަމަށްވާ ވަލީދު ޔޫސުފް އަބޫ ޖަޒަރު ވެސް ވަނީ ލިބުނު އަނިޔާތަކުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ޝަހީދުވެފައެވެ.
"ސަލާމަތީ ސަރަހައްދު" ކަމުގައި ކަނޑައަޅައި، އެތަނަކީ އާންމުން ހިމާޔަތް ހޯދަން ދާންވީ ތަންތަން ކަމަށް ބުނި ނަމަވެސް، އިޒްރޭލުގެ ހަމަލާތަކުން އެ ސަރަހައްދުތައް ވެސް ވަކި ސަލާމަތެއް ނުވެއެވެ.
ޣައްޒާގެ ރައްޔިތުންނަށް އަމާންކަމެއް ނެތްކަން މި ފަދަ ހިތާމަވެރި ހާދިސާތަކުން ދަނީ ތަކުރާރުކޮށް ހާމަވަމުންނެވެ.
އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް ފަށާފައިވާ ހަނގުރާމައިގައި ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުކޮށްލީ މީހުންގެ އަދަދު 73،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން 173،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
އަދި އެތައް ބަޔެއްގެ ގެދޮރު ސުންނާފަތިކޮށް މުޅި އާބާދީ އެއްކޮށްހެން ވަނީ މަގުމަތިކޮށްލާފައެވެ.
އަދި ހޮސްޕިޓަލުތަކާއި ސްކޫލްތަކަށް ކޮންމެ ދުވަހަކުހެން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާގެ މުޅި އިންފްރާސްޓްރަކްޗާ ވަނީ ސުންނާފަތިކޮށްލާފައެވެ.