ރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބިނާ ކަމަށްވާ އުސްގެކޮޅު ބެލެހެއްޓުމުގައި މާލޭ ސިޓީ ކައުންސިލުން ތަކުރާރުކޮށް އިހުމާލުވަމުންދާތީ އެތަނުގެ ބެލެނިވެރިކަން ހެރިޓޭޖު މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ރާއްޖޭގެ ތާރީހުގެ މުހިންމު އެ ބިނާގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، ގެއްލުންދީފައިވާ މައްސަލައެއްވެސް މި މަހުގެ 25 ވަނަ ދުވަހު ވަނީ ފެންމަތިވެފައެވެ.
މިކަމާ ގުޅިގެން ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ އިއްޔެގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ އުސްގެކޮޅު މިހާރު ބަލަހައްޓަމުން ދަނީ ސިޓީ ކައުންސިލުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ފަތުރުވެރިކަން ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ތަރިކައިގެ ފަތުރުވެރިކަން ކުރިއެރުވުމަށް މާލޭގައި އަލަށް ތަރައްގީކުރަމުންދާ އިންޓަރެކްޓިވް މިއުޒިއަމްގެ މަސައްކަތަށް އުސްގެކޮޅު ހެރިޓޭޖު މިނިސްޓްރީއާ ހަވާލުކޮށްދިނުމަށް މީގެ ކުރިންވެސް ތަކުރާރުކޮށް އެދިފައިވާނެކަމަށާއި ނަމަވެސް އެތަން ހަވާލުކޮށްނުދީ އުޅެނިކޮށް ދެން ފެންމަތިވީ އެތަނަަށް ގެއްލުންދިނުމުގެ މައްސަލަތައް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވީ އެންމެފަހުން އެތަނަށް ވަތްއިރު ހުރީ ހަމައެކަނި ފާރުގައި ކުރަހާފައި އެކަނި ނޫން ކަމަށެވެ. އެގޮތުން ބަޔަކު މީހުން އެތަނަށް ގާނޫނާ ހިލާފަށް ވަދެ އެތާ އެތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްފައިވާކަމުގެ ހެކިތައްވެސް ފެންނަންހުރި ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެތަން ކައުންސިލަށް ނުބެލެހެއްޓޭތީ އެތަނުގެ ބެލެނިވެރިކަން އޮންނަ އުސޫލުގެ ތެރެއިން ސަރުކާރަށް ނަގަން ނިންމާފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
މިގެއިތުރުން ތަރުޖަމާނު ވަނީ އުސްގެކޮޅުގެ ބެލެނިވެރިކަން މާ ލަސްތަކެއް ނުވެ ހެރިޓޭޖު މިނިސްޓްރީއަށް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެެވެ. އަދި މިކަމުގައި ގާނޫނީ ގޮތުން ހޯދަންޖެހޭ ލަފާ ހޯދުމަށްފަހު އޮންނަ އުސޫލުގެ ތެރެއިން އުސްގެކޮޅުގެ ބެލެނިވެރިކަން މާލޭ ސިޓީ ކައުންސިލުން ހެރިޓޭޖު މިނިސްޓްރީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެހެންކަމުން އެ މަސައްކަތް އޮތީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަރުހަލާގައި ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
އުސްގެކޮޅުގައި ގްރެފިޓީ ކުރެހި މައްސަލައިގައި ފުލުހުން މިހާރު ދަނީ އެކަން ހިނގާދިޔަ ގޮތާއި ޒިންމާވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ހެރިޓޭޖު މިނިސްޓްރީން އެކަމުގައި ޝާމިލުވި މީހުންނާމެދު ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަން ވަނީ ހާމަކޮށްފައެވެ.
އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1903-1893) އިމާރާތްކުރެއްވި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ގެކޮޅެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާ އެވެ.