ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާއިން ޖޯޑަން ބަލިކުރި މެޗުގައި ލިއޮނަލް މެސީ، މުބާރާތުގެ އިތުރު ރެކޯޑެއް ހަދައިފި އެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު އާޖެންޓީނާއިން ޖޯޑަންގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފަ އެވެ.
ކެޕްޓަން ލިއޮނަލް މެސީ ބެންޗުގައި ބައިންދައިގެން ފެށި މިއަދުގެ މެޗުގެ 19 ވަނަ މިނެޓުގައި އާޖެންޓީނާއިން ލީޑު ނެގި އެވެ. ހިލޭ ޖެހުމަކުން މި ލަނޑު ޖަހައިދިނީ، އަނިޔާގެ ސަބަބުން މިދިޔަ ވޯލްޑް ކަޕް ގެއްލުނު މިޑްފީލްޑަރު، ޖިއޮވާނީ ލޮސެލްސޯ އެވެ.
އާޖެންޓީނާއިން ލީޑު ފުޅާކުރީ، 31 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ. މިއީ ވޯލްޑް ކަޕްގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި، ޖޯޑަންގެ ހަމައެކަނި ލަނޑު ޖަހައިދިނީ މޫސާ އަލް-ތާމަރީ އެވެ.
މެޗުގެ ފަހުކޮޅު ބަދަލަކަށް ކުޅެން ނުކުމެ އާޖެންޓީނާގެ ތިންވަނަ ލަނޑު ޖަހައިދިނީ މެސީ އެވެ. އެގޮތުން 80 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖެހީ ހިލޭ ޖެހުމަކުން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
މިއީ މިފަހަރުގެ މުބާރާތުގައި މެސީ ޖެހި ހަވަނަ ލަނޑެވެ. އަދި މި ލަނޑާއެކު މެސީ ވަނީ ޖެހިޖެހިގެން ވޯލްޑް ކަޕްގެ ހަތް މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގައި މެސީ ވަނީ، ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު ވެސް މުގުރާލާފަ އެވެ. މީގެއިތުރުން، މުބާރާތުގެ ތާރީހުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑާއި، އެންމެ ގިނަ މޮޅު ހޯދި ކުޅުންތެރިޔާގެ ރެކޯޑު ވެސް މިހާރު އޮތީ މެސީ އަތުގަ އެވެ.
މިއަދުގެ މޮޅާއެކު އާޖެންޓީނާއިން ގްރޫޕް ސްޓޭޖު ނިންމާލީ ނުވަ ޕޮއިންޓާއެކު ގްރޫޕް ޖޭގެ އެއްވަނައިގަ އެވެ. އަދި އޮސްޓްރިއާއިން ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ހޯދި އިރު، ތިންވަނަ ލިބުނު އަލްޖީރިއާއަށް ވެސް ވަނީ ދެވަނަ ބުރުގެ ޖާގަ ލިބިފަ އެވެ. ތިން މެޗުން ވެސް ބަލިވެ މި ގްރޫޕުން ކެޓީ ޖޯޑަން އެވެ.
ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި އާޖެންޓީނާ ބައްދަލުކުރާނީ ކޭޕް ވާޑާ އެވެ. އަދި އަލްޖީރިއާ އާއި ސްވިޒަލެންޑް ވާދަކުރާ އިރު، އޮސްޓްރިއާ ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.