ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ރަށްރަށުގައި ހައުސިން ޔުނިޓް އަޅަން ނޫމަޑި ކުންފުންޏާ ހަވާލުކުރި މަޝްރޫއު ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް ބަދަލުދޭން ޖެހުނު މައްސަލާގައި ރައީސް މުއިއްޒުގެ މައްޗަށް އެ މަނިކުފާނު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު ދައުވާކޮށްފައިވާ އިރު، ޕީއެންއެފްގެ ޖަލްސާއެއްގައި ހުސައިން ވަހީދު ވަނީ، އެ ދައުވާއިން މުއިއްޒު ސަލާމަތްވެވަޑައިގަތީ ފަނޑިޔާރަކަށް 8 ލައްކަ ރުފިޔާގެ ރިޝްވަތު ދީގެން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ﷲ ގަންދީ ހުވާކުރައްވަން ކެރިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން އެކަމާ ގުޅިގެން މުންދުގެ ސިލްސިލާ ޕްރެސް ބްރީފިންގައި ނޫސްވެރިއަކު ސުވާލުކުރުމުން ރައްދުގައި މުންދު ވިދާޅުވީ ހުސައިން ވަހީދު އެ ވިދާޅުވާ ހުވަޔެއް ކުރަން ވަޑައިގަންނަވަންވީ ކަމަށާއި އޭރުން މުއައްސަސާތަކުން އެ މައްސަލަ ބަލާނެ ކަމަށެވެ.
މުންދު އިތުރަށް ވިދާޅުވީ އެ މައްސަލައިގައި ރައީސް މުއިއްޒުގެ އެއްވެސް ކުށެއް ނެތްކަން ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށާއި އޭނާއަކީ އެކަމުގެ ސާބިތު ހެއްކެއް ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރަށްރަށުގައި ހައުސިން ޔުނިޓް އަޅަން ނޫމަޑި ކުންފުންޏާ ހަވާލުކުރި މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދާ ކަމަށް ބުނެ، ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު އެ އެއްބަސްވުން ބާތިލުކުރި އެވެ.
އެ އެއްބަސްވުން ބާތިލުކުރި މައްސަލަ ނޫމަޑިން ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ހުށަހެޅުމުން ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ސަރުކާރުން އެ ކުންފުންޏަށް ދޭން ޖެހުނެވެ.
ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅި އެ މައްސަލައިގައި، ރައީސް މުއިއްޒު ދައުލަތާ ދެކޮޅަށް ދޮގު ބަޔާން ދެއްވި ކަމަށް ބުނެ އެމްޑީޕީގެ ސަރުކާރުން އެ މަނިކުފާނުގެ މައްޗަށް ދައުވާ ކުރި ނަމަވެސް، 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ރައީސް މުއިއްޒުގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމައިފަ އެވެ.