މި އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،036،558 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %5 ދަށްވުމެކެވެ.
މި ވަގުތު 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ އިންޑިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެކެވެ. އިންޑިއާ މާކެޓާއި އަދި އެނޫންވެސް މުހިންމު މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ވިޒިޓް މޯލްޑިވްސްއިން އަންނަނީ ކުރަމުންނެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާ އިން ވަނީ 60،515 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިންޑިއާއިން އައިސްފައިވަނީ 64،147 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 3 ޤައުމުގެ ތެރޭގައި ޗައިނާ، ރަޝިޔާ އަދި އިނގިރޭސިވިލާތް ހިމެނެއެވެ.
މިގޮތުން ޗައިނާއިން 162،305 ފަތުރުވެރިން އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައި ވާއިރު، ހަމަ އެ މުއްދަތުގެ ތެރޭގައި ރަޝިއާ އިން 144،552 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި އިނގިރޭސިވިލާތުން ވަނީ މި އަހަރުގެ މިހާތަނަށް 84،787 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ތަންތަނުގެ ތެރޭގައި ރިސޯޓުތަކުގައި 727،709 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައި ވާއިރު، ގެސްޓްހައުސްތަކުގައި 238،417 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
އަދި ހޮޓެލްތަކުގައި 24،978 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައި ވާއިރު، ސަފާރީތަކުގައި 21،008 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.