އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަސް ނުވަތަ އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކަކީ ސަރުކާރުގެ ސިޔާސަތުތަކަށް ބާރުދީ ވިޔަފާރިކުރަން ބޭނުންވާ ޒުވާނުންނަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތްތައް ނިންމާލުމަށްފަހު މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގަ ވަޒީރު ސައީދު ވަނީ، އެމްއެސްއެމްއީ ދުވަހާ ގުޅުވައިގެން މުޅި ދުވަހު ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން މުޅި ރާއްޖޭގައި ހަރަކާތްތަކެއް ހިންގާފައިވާކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެމީހުންގެ ހިޔާލުތައް ހުށައަޅައި ކުރިއަށްދެވިދާނެ ގޮތްތަކާއިމެދު މަޝްވަރާކުރެވުނު ކަމަށާ އެއީ ފެށުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން ކުރިއަށްދާ މަސައްކަތަކީ މި ސިޔާސަތުތަކަށް ބާރުދިނުމާއި އަދި ވީހާ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަން ބޭނުންވާ ޒުވާނުންނަށް ރީޗްއައުޓްވެގެން ކަންކަން ކުރުމަށްޓަކައި ކުރާ މަސައްކަތްތަކެއްކަމަށް ވަޒީރު ސައީދު ވިދާޅުވި އެވެ.
އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން ރައީސް ވިދާޅުވެފައިވަނީވެސް ކްރިއޭޓިވް އިކޮނޮމީއާއި ކްރިއޭޓާ އިކޮނޮމީ އަދި ޑިޖިޓަލައިޒޭޝަންގެ ފައިދާ ގްލޯބަލް އީކޮމާސް ޕްލެޓްފޯމްތަކަށް ރީޗްއައުޓްވުމާއި، އަދި ގުޅިލާމެހިފައިވާ ދުނިޔެއެއްގައި ދިވެހި ޒުވާނުން އުފައްދާ އުފެއްދުންތައް މާކެޓްކޮށް މަނިޓައިޒްކުރެވޭނެ ގޮތްތަކާއިމެދުކަމަށް ވަޒީރު ސައީދު ވިދާޅުވި އެވެ.
އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން ބީސީސީއާއި، ވިޔަފާރިއާއި ބެހޭ ވުޒާރާ ގުޅިގެން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. ހޮނިހިރު ދުވަހު "އެމްއެސްއެމްއީ ފެސްޓް"ގެ ނަމުގައި ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މި ފެސްޓިވަލްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ 30 ސްޓޯލް ބަހައްޓައި ގިނަ މައުލޫމާތުތަކެއް ވަނީ ދީފައެވެ.